ޚަބަރު

ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފި


އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފިއެވެ. 

ޑީސަލް ލީޓަރަކުން 20 ލާރި، އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ވަނީ ބޮޑުކޮށްފައެވެ. އެސްޓީއޯއިން ތެލުގެ އަގަށް ގެނައި މި ބަދަލާއިއެކު މިހާރު ޑީސަލް ލީޓަރެއް ވިއްކަމުންދާނީ، 8 ރުފިޔާ 64 ލާރިއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަމުންދާނީ، 8 ރުފިޔާ 95 ލާރިއަށެވެ. އެސްޓީއޯއިން ބުނީ ތެލުގެ އަގަށް ބަދަލުގެންނަން ޖެހުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން، އެކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމުންކަމަށެވެ.

އެސްޓީއޯއިން އެންމެފަހުން ތެލުގެ އަގު ހެޔޮކޮށްފައިވަނީ، މިއަހަރުގެ ޖޫންމަހުގެ އަށާރަވަނަ ދުވަހުއެވެ. އެއީ ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ ޑިއުޓީ ދިހަ ޕަސެންޓުން ފަސް ޕަސަންޓަށް ކުޑަކުރުމާއި ގުޅިގެނެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލުގެނެސްފައިވާއިރު، މޫސުމީ މައްސަލަތަކާއި އެނޫންވެސް ބައެއް ސަބަބުތަކާހެދި ބައެއް ޤައުމުތަކުގައިވެސް ވަނީ ތެލުގެ އަގުބޮޑުކޮށްފައެވެ. މީގެ ތެރޭގައި އެމެރިކާ، އެފްރިކާ އަދި މެލޭޝިއާ ފާހަގަކޮށްލެވެއެވެ. ދުނިޔޭގެ ބާޒާރުގައި މިވަގުތު ތެއޮ ފީފާއެއްގެ އަގުހުރީ ސާޅީސް އަށް އެމެރިކާ ޑޮލަރުގައެވެ.