ކުޅިވަރު

ބަލިވީމަ ޒިންމާ ނަގަން، އުއްމީދު ކަނޑައެއް ނުލަން - ކޯޗު


މެޗުން ބަލިވީމަ ޒިންމާ ނަގަން ހުންނާނީ އެންމެ މީހެއް ކަމަށާއި، އެޒިންމާ މިއަދު ނަގާކަމަށް ޤައުމީ ޓީމްގެ ޑަރެން ސްޓެވާޓް ބުނެފިއެވެ. 

އޭޝިއަން ކަޕް ކޮލިފައިންގައި އޮމާންއާ ދެކޮޅަށް ކުޅެ ތަފާތު ބޮޑުކޮށް ބަލިވި މެޗަށްފަހު ކޯޗް ސްޓެވާޓް ބުނީ މެޗުން ރަނގަޅު ނަތީޖާއެއް ނެރުމަށް ކުޅުންތެރިން ކުރި ހިތްވަރަށް ޝުކުރު އަދާކުރާ ކަމަށާއި، ނަމަވެސް ނާއުއްމީދީ ނަތީޖާއެއް ނިކުތުމުން އެކަމާ މާޔޫސްވާކަމަށެވެ. އެކަމުގެ ފުރިހަމަ ޒިންމާ ނަގާކަމަށް ކޯޗް ސްޓެވާޓް ބުންޏެވެ. މެޗުގެ ނަތީޖާ ފެންނަން އޮތްގޮތުން ވަރަށް ގިނަ މީހުން އެކަމަށް މަލާމާތް ކުރާނެ ކަމަށާއި، ނަމަވެސް ކޯޗެއްގެ ޙައިސިއްޔަތުން އެންމެ ފަހުވަގުތާ ޖެހެންދެންވެސް އުއްމީދު ކަނޑާނުލާނޭ ކަމަށް ސްޓެވާޓް ބުންޏެވެ. ކޮލިފައިންގައި ކުރިޔަށްދާން މަސައްކަތް ކުރާނެ ކަމަށާއި އެކަން ނުވުމުން ނޫނީ ޤަބޫލު ނުކުރާނެ ކަމަށް ކޯޗް ސްޓެވާޓް ބުންޏެވެ.

" ކުޅުންތެރިން ކުރި ހިތްވަރު ފާހަގަކުރަން. ނަތީޖާއަކީ ނާއުއްމީދީ މާޔޫސްވާ ނަތީޖާއެއް، ނަމަވެސް އަދިވެސް އުއްމީދު ކަނޑައެއް ނުލަން " ކޯޗު ބުންޏެވެ.

img:http://s1.psmnews.mv/images/660x400/15046721797911.jpg|ކޯޗު ސްޓެވާޓް، އޭނާގެ އެހީތެރިންނާއެކު: ލިބުނީ މާޔޫސީ ނަތީޖާއެއް: ފޮޓޯ-އެފްއޭއެމް

އޮމާން ޓީމްގެ ކޯޗް ކިމް ވާބީކް ބުނީ މިހާރު ފެންނަމުން މިއަންނަނީ އޮމާންގެ ފުޓްބޯޅައިގެ މުސްތަޤްބަލްކަމަށެވެ. ވަރަށް ގިނަބަޔަކާ ދެކޮޅަށް ނަގާފައިވާ ޓީމަކީ މުސްތަޤްބަލް އޮތް ޓީމެއްކަން ކުޅުންތެރިން ސާބިތު ކޮށްދެމުން އަންނަ ކަމަށް އޭނާ ބުންޏެވެ. ހަތަރު ފަސްކުޅުންތެރިއެއް ފިޔަވައި ޓީމްގައި ތިބީ ފަންސަވީސް އަހަރުން ދަށުގެ ކުޅުންތެރިން ކަމަށާއި އެކުޅުންތެރިންނަށް މިއަދު މިލިބޭ ތަޖުރިބާއަކީ މާދަމާ އޮމާންގެ ފުޓްބޯޅައަށް އެކަމުގެ ރަނގަޅު ފައިދާ ފެންނާނެ ކަމެއް ކަމަށެވެ. 

މެޗްގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ފުރުޞަތު ލިބުނު ނަމަވެސް ރާއްޖޭގެ ޓީމުން އެޖާގަ ނުދިން ކަމަށާއި، ނަމަވެސް ދެވަނަ ހާފްގައި އޮމާންގެ ކުޅުން އިތުރަށް ރަނގަޅުކޮށް ލަނޑު ޖަހާނެ ގިނަ ފުރުޞަތު ތަކެއް ތަނަވަސްކުރި ކަމަށް އޮމާން ކޯޗު ބުންޏެވެ. ރާއްޖެ ޓީމްގެ ފަހަތުގައި އޮމާން ހުއްޓުވަން ނުވަ ޑިފެންޑަރުން ތިބި ކަމަށާއި، އެހެން ނޫންނަމަ ލަނޑުގެ ޢަދަދު އިތުރުވީސް ކަމަށް އޮމާންގެ ކޯޗު ބުންޏެވެ.

މި ދެޓީމް ބައްދަލުކުރާ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދިހަވަނަ ދުވަހު މާލޭގައެވެ.