ކުޅިވަރު

ބޮޑު ތަފާތަކުން އޮމާނުން ދިވެހިރާއްޖެ ބަލިކޮށްފި


ބޮޑު ތަފާތަކުން ދިވެހިރާއްޖެ ބަލިކޮށް އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އުއްމީދު އޮމާނުން ދަމަހައްޓައިފިއެވެ. 

ޑިފެންސަށް އިސްކަންދީގެން ދިވެހި ޓީމް ކުޅެން ނިކުތީ ގިނަ މިޑްފިލްޑަރުން ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. ގިނަ ދުވަސްތަކަށްފަހު ކެޕްޓަން އަޝްފާގް މިއަދުގެ މެޗުގެ ފުރަތަމަ އެގާރާގައި ކުޅުނެވެ. 

ދިވެހި ޑިފެންސް ލައިނުން ގިނަ ގޯސްތަކެއް ހެދި މެޗުގެ ފުރަތަމަ ލަނޑު އޮމާނުން ޖެހީ މެޗުގެ 5ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމުން ޖެހީ ނެގި ކޯނަރަކުންނެވެ. މިޑްފިލްޑަރ ގާސިމް ސައީދު ނަގައިދިން ކޯނަރު ގޯލަށްވަނީ ކީޕަރު ފައިސަލު ބޯޅަ ހިފަން އުޅުމުގެ ތެރޭގައެވެ. ފުރަތަމަ ހާފްގެ ކުޅުން 1-0 އޮމާން ކުރީގައި އޮވެ ނިމުނުއިރު ރާއްޖޭގެ އަމްދާން އަލީވަނީ ރަނގަޅު ހަމަލާއެއް ގޯލަށް ފޮނުވާލާފައެވެ. މުޙައްމަދު އުމެއިރު ނަގައިދިން ކޯނަރުން އަމްދާން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހާފުގައި އޮމާން ޓީމުން ރާއްޖެއަށް ހަމާލާއެއް އުފައްދަން ފުރުސަތެއް ނުދިނެވެ. މެޗުގެ 58ވަނަ މިނެޓުގައި އޮމާންގެ ދެވަނަ ލަނޑު ޖަހައިދިނީ ޚާލިދު ޚަލީފާއަލް ޚަޖްރީއެވެ. އޭގެ ދިހަ މިނެޓު ފަހުން އޮމާންގެ ތިންވަނަ ލަނޑު ޖަހައިދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސަލާހް އަލް ޔަޙްޔާއެވެ. ހަތަރުވަނަ ލަނޑުޖަމީލް އަލް ޔަޙްމާދީ ޖަހައިދިންއިރު، ފަހު ލަނޑު ޖަހައިދިނީ ސަމީ އަލް ހަސަނީއެވެ. 

މި ނަތީޖާއާއިއެކު އޮމާންވަނީ ކުޅުނު ތިން މެޗުން ދެ މެޗު ކާމިޔާބުކޮށް ކޮލިފައިން ގްރޫޕް ޑީގެ ދެވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އޮމާނަށް ތިން މެޗުން ހަ ޕޮއިންޓް ލިބުނުއިރު، ދިވެހިރާއްޖެ އޮތީ ތިން ޕޮއިންޓާއިއެކު ގްރޫޕުގެ ތިންވަނައިގައެވެ. 

ގްރޫޕްގެ އެއްވަނައިގައި އޮތީ މިއަދު ބޫޓާންގެ މައްޗަށް ކުރި ހޯދީ ފަލަސްތީނެވެ. ކުޅުނު ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓާއިއެކު ތާވަލްގެ ކުރީގައި އޮތް ފަލަސްތީން ބޫޓާންއާއި ވާދަކުރި މެޗު ކާމިޔާބުކުރީ 2-0ންނެވެ.