ޚަބަރު

ޙައްޖުގެ އަޅުކަމަށްފަހު، ޙައްޖުވެރިން މާދަމާރޭ އަންނަން ފަށާނެ


މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށް ދިޔަ މީހުން މާދަމާ ރޭ އެނބުރި ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާއިރު، މާދަމާ އެންމެ ފުރަތަމަ އަންނަ ގްރޫޕަކީ ޒައީ ޙައްޖު ގްރޫޕެވެ. މި ގްރޫޕް އައުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ހަތްގަޑި ފަންސަވީހުގައެވެ.

ސިސިލްފަރު ގުރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ މީހުން އެނބުރި ރާއްޖެ އަންނާނީ މިމަހުގެ ދިހަ ވަނަ ދުވަހުގެ ރެއެވެ. އަލް ހަރަމައިން ގުރޫޕުގެ ހައްޖާޖީން އެގާރަ ވަނަ ދުވަހުގެ ރޭ އައުމަށް ހަމަޖެހިފައިވާއިރު މި އެންމެންވެސް މާލެއައުމަށް ހަމަޖެހިފައިވަނީ ސްރީލަންކާ މަގުންނެވެ. ދިވެހި ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ އަށް ވަނަ ދުވަހާއި، ދިހަވަނަ ވަނަ ދުވަހާއި،އެގާރަ ވަނަ ދުވަހާއި ބާވީސް ވަނަ ދުވަހާއި ސައްބީސް ވަނަ ދުވަހުގެ އިތުރުން ނަވާވީސް ވަނަ ދުވަހުއެވެ. ހައްޖު ގްރޫޕްގެ މީހުން މާލެއައުމަށް ހަމަޖެހިފައިވަނީ ސައުދީ އެއަރލައިންއިންނެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ އެއްހާސް ތިންސަތޭކަ މީހުން ޙައްޖަށް ގޮސްފައިވެއެވެ. މިއަހަރު ސަޢޫދީ އަރަބިއްޔާއިން ވަނީ ރާއްޖޭގެ ޙައްޖާޖީންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ޖިއްދާގެ އެއަރޕޯޓުގައި ދިވެހީންނަށް ޚާއްސަ އިމިގްރޭޝަން ކައުންޓަރެއްވެސް ޤާއިމްކޮށްފައެވެ.