ސިޔާސީ

ޖަޕާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް އަންނަ ހަފްތާގައި ރައީސް ޔާމީން ޖަޕާނަށް





ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިމަހުގެ ސާދައިން ސަތާރައަށް ރަސްމީދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލުޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.


ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޖަޕާނުގެ އެމްޕަރާއާ އެޤައުމުގެ ބޮޑުވަޒީރާއި ޖަޕާނު ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ޖަޕާނުގެ  ވިޔާފާރިވެރިންނާއި ބޮޑެތި އިންވެސްޓަރުންނާ ބައްދަލުކުރައްވައި އިޤްތިޞާދީގޮތުން އެ ޤައުމުން ލިބެންހުރި ފުރުސަތުތައް ފުޅާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.