ކުޅިވަރު

ޗެލްސީގެ ޗެމްޕިއަންސް ލީގު ސްކޮޑުން ކޯސްޓާއަށް ފުރުސަތެއް ނެތް


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޗެލްސީގެ ސްކޮޑުން ފޯވަޑް ޑިއެގޯ ކޯސްޓާ ބާކީކޮށްފިއެވެ.

ކޯޗު ކޮންޓޭ އޭނާގެ ޗެމްޕިއަންސް ލީގު ޓީމުން ކޮސްޓާ ބާކީ ކުރީ ޕްރެމިއާ ލީގުގައި ވާދަކުރަން ނެގި 25 ކުޅުންތެރިންގެ ތެރޭގައި ކޮސްޓާ ހިމެނިތާ ދެ ދުވަސް ފަހުންނެވެ.

ކޮސްޓާ އަކީ ކޯޗާއި މެދު ހިތްހަމަނުޖެހިގެން ޗެލްސީ ދޫކޮށް ދާން ބޭނުންވެ، ގަދަ ހަދާފައި ހުރި ކުޅުންތެރިއެކެވެ. އޭނާ ދާން ބޭނުންވަނީ ކުރީގެ ކުލަބު އެތްލެޓިކޯ މެޑްރިޑަށެވެ.

ޗެމްޕިއަންސް ލީގު ސްކޮޑް ފައިނަލް ކުރިއިރު ލިވަޕޫލުން ވަނީ އެ ޓީމު ދޫކޮށްދާން ބޭނުންވެފައި ހުރި ފިލިޕް ކޮޓީނިއޯ ޓީމުގައި ހިމަނާފައެވެ. މިއާ އެކު ކުރިއަށް އޮތް ޖެނުއަރީ މަހު ވެސް ލިވަޕޫލުން ކޮޓީނިއޯ ދޫކޮށްނުލާނެކަން ވަނީ ޔަގީންވެފައެވެ. އެއީ ޗެމްޕިއަންސް ލީގުގައި ލިވަޕޫލަށް ކުޅެފިނަމަ ކޮޓީނިއޯ އަށް މިސީޒަނުގައި އެ މުބާރާތުގައި ބާސެލޯނާ އަށް ނުކުޅެވޭނެތީއެވެ. ލިވަޕޫލް ދޫކޮށް ކޮޓީނިއޯ ދާން ބޭނުންވަނީ ބާސެލޯނާއަށެވެ.

ލިވަޕޫލުން ގެނައި އެންމެ ހައިރާންވި ބަދަލަކީ ޑިފެންޑަރު ނަތަނިއަލް ކްލައިން ޗެމްޕިއަންސް ލީގު ސްކޮޑުން ބާކީ ކުރުމެވެ.

މެންޗެސްޓާ ޔުނައިޓެޑުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރި ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗަށް ސްކޮޑުން ފުރުސަތު ދީފައެވެ.