ކުޅިވަރު

އޮމާންދެކެ ޖެހިލުމެއް ނުވޭ، އިތުބާރު އެބައޮތް - ސްޓެވާޓް


އޮމާން ޓީމާމެދު ރާއްޖޭގެ ކުޅުންތެރިން ކުޑަކޮށްވެސް ޖެހިލުން ނުވާނެ ކަމަށް ކޯޗު ޑަރެން ސްޓެވާޓް ބުނެފިއެވެ. 

އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ އޮމާނާ ދެކޮޅަށް އެޤައުމުގައި ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ސްޓެވާޓް ބުނީ ދިވެހި ޓީމާމެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ. ޚާއްސަކޮށް ޢަލީ އަޝްފާޤް (ދަގަނޑޭ) ޓީމްގައި ހުރުމަކީ ހުރިހާ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު އިތުބާރެއް ކަމަށް ކޯޗު ބުންޏެވެ. 

އިޙްތިރާމާއެކީ އޮމާނާ ދެކޮޅަށް ނިކުންނާނީ މެޗް ކާމިޔާބު ކުރުމުގެ ޢަޒުމުގައި ކަމަށް ކޯޗު ސްޓެވާޓް ބުންޏެވެ. ޤަތަރު ކޭމްޕަށްފަހު ޓީމް އޮތީ މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި އެކަން މާދަމާ ކުޅުންތެރިން ދައްކާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ކޯޗު ސްޓެވާޓް ފާހަގަކުރިއެވެ.

"އަހަރެމެން ތައްޔާރު، އޮމާންދެކެ ބިރެއް ނުގަނޭ، ޖެހިލުމެއް ނުވޭ، ޓީމް ތައްޔާރުވެފައިވާ މިންވަރު މެޗުގައި ކުޅުންތެރިން ދައްކާނެކަމުގެ އިތުބާރު އެބައޮތް" ކޯޗު ސްޓެވާޓް ބުންޏެވެ.

img:http://s2.psmnews.mv/images/660x400/15045861352867.jpg|

އޮމާން ޓީމްގެ ކޯޗު ޕިމް ވަރބީކް ބުނީ މިއަދު ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ކުޅެމުން އަންނަނީ ތަފާތު ފުޓްބޯޅައެއް ކަމަށެވެ. ވަރބީކް ބުނީ އެންމެ ހީނުކުރާ ޓީމްވެސް މެޗުގެ ނަތީޖާ ބަދަލްކޮށްލަފާނެ ކަމަށާއި، އެހެންކަމުން ދިވެހިރާއްޖެއާއި ދެކޮޅަށް އޮމާން ޓީމް ނިކުންނާނީ އެއްވެސް ވަރަކަށް އަންޑަރ އެސްޓިމޭޓް ނުކޮށް ތިން ޕޮއިންޓް ކަށަވަރު ކުރުމަށް ކަމަށެވެ. 

އޮމާން ޓީމްގައި ތިބި ޒުވާން ކުޅުންތެރިންނާއި، ތަޖުރިބާހުރި ކުޅުންތެރިން މާދަމާގެ މެޗުގައި ނަތީޖާ ނެރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ބުންޏެވެ. ބޭނުންވަނީ ގިނަ ލަނޑުތަކެއް ޖަހަން ނޫން ކަމަށާއި އެންމެ ލަނޑެއްގެ ތަފާތުން ނަމަވެސް މޮޅުވުން ކަމަށް އޮމާން ޓީމަށް އިރުޝާދު ދެމުން އަންނަ ހޮލެންޑް ކޯޗު ބުންޏެވެ.

"އެއްވެސް ޓީމަކީ ބަލި ޓީމެއް ނޫން، މެޗުގެ ނަތީޖާ މުހިންމީ، ތިން ޕޮއިންޓް ހޯދުން މުހިންމީ، އެއްވެސް ވަރަކަށް މެޗު އަންޑަރ އެސްޓިމޭޓް ނުކުރާނަން" ވާރބީކް ބުންޏެވެ.

 އޭޝިއަން ކަޕް ކޮލިފައިންގައި އޮމާންއާއި ދިވެހި ރާއްޖެ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން މާދަމާރޭ އަށްގަޑި ފަނަރައިގައެވެ.