ޚަބަރު

އިސްތިއުނާފުކުރި މައްސަލަތަކުގެ މިންވަރު އިތުރުވެއްޖެ


ހައިކޯޓްގެ ގޮފިތައް ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމުކުރުމާއެކު ދަށު ކޯޓުތަކުން ނިންމި މައްސަލަތައް އިސްތިއުނާފުކުރި މިންވަރު ދެ ގުނައަށް އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މެޖިސްޓްރޭޓް ކޯޓްތަކާއި، ސުޕީރިއަރ ކޯޓްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފަށް ހުށަހަޅާ ފުރަތަމަ މަރުހަލާ ކަމަށްވާ ހައިކޯޓަށް މައްސަލަތައް އިސްތިއުނާފްކުރުމަށް ހުށައެޅި މިންވަރު 2015 ވަނަ އަހަރާ އަޅާބަލާއިރު 2016 ވަނަ އަހަރުގެ ދެގުނައަށް އިތުރުވެފައިވާކަމަށް ޝަރުޢީ ކޯޓްތަކުގެ 2016 ވަނަ އަހަރުގެ ޕާރފޯމަންސް ރިޕޯޓުން ދައްކައެވެ.

އެގޮތުން 2015 ވަނަ އަހަރު ދަށުކޯޓްތަކުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓްގައި އިސްތިއުނާފުކުރި ނިސްބަތަކީ ދޭއް އިންސައްތައެވެ. އެހެން ނަމަވެސް 2016 ވަނަ އަހަރު މި ނިސްބަތް ހަތަރެއް އިންސައްތައްއަށް އިތުރުވެފައިވާކަމަށް ޝަރުޢީ ކޯޓްތަކުގެ ޕާރފޯމަންސް ރިޕޯޓުން ދައްކައެވެ.

އިސްތިއުނާފުކުރާ ނިސްބަތް ދެ ގުނައަށް އިތުރުވެފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓްގެ ގޮފިތައް ޤާއިމުކުރަންޖެހޭގޮތަށް ކޯޓްތަކާބެހޭ ޤާނޫނަށް ގެނައި އިސްލާޙާ އެއްގޮތަށް ހައިކޯޓްގެ ދެކުނާއި އުތުރު ގޮފި ޤާއިމުކުރުމާއެކުއެވެ. އެގޮތުން 2016 ވަނަ އަހަރު ދިވެހިރާއްޖޭގެ ހައިކޯޓަށް ޖުމްލަ 733 މައްސަލަ ހުށަހެޅި އިރު، މީގެ ތެރެއިން 118 މައްސަލަ ހުށަހަޅާފައިވަނީ ހައިކޯޓްގެ ދެކުނު ގޮތްޕަށެވެ. 

ހައިކޯޓުގެ ގޮފިތައް ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމުކުރުމަކީ ޢަދުލުއިންސާފަށް ވާސިލުވުމުގެ މަގު އިތުރަށް ފަހިވެގެންދިޔަ ކަމެއްކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. ހައިކޯޓްގެ ދެކުނު ގޮފި އައްޑޫސިޓީގައި ޤާއިމުކޮށް ޝަރީޢަތްތައް ވަނީ ފަށާފައެވެ. އަދި އުތުރު ގޮފި ޤާއިމުކޮށް އިދާރީ ހުރިހާ މަސައްކަތެއް ހިނގަމުންދާއިރު، އުތުރު ގޮތްޕަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތްތައް މާލޭގައި ގެންދަނީ ހިންގަމުންނެވެ.