ޚަބަރު

ޕެންޝަން ފައިސާ ނުދައްކާ ފަރާތްތަކުގެ އަދަދު 587 އަށް އަރައިފި


ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ޤަވާއިދާ އެއްގޮތަށް އަމަލުކުރަމުން ނުދާ ފަރާތްތަކުގެ އަދަދު 587 އަށް އަރައިފިއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ވަނީ މި ފަރާތްތަކުގެ ނަންތައް އެއޮފީހުގެ ވެބްސައިޓްގައި އާއްމުކޮށްފައެވެ. ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ޤަވާއިދާ އެއްގޮތަށް އަމަލުކުރަމުން ނުދާ ލިސްޓްގައި އެކިއެކި ދާއިރާގައި ހަރަކާތްތެރިވާ ބައެއް މަޝްހޫރު ކުންފުނިތަކާއި ޖަމްޢިއްޔާތައް ހިމެނެއެވެ.

ޕެންޝަން އޮފީހުން ގެންދަނީ، ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ޤަވާއިދާ އެއްގޮތަށް އަމަލުކުރަމުން ނުދާ ފަރާތްތަކާ ދޭތެރޭ ކަނޑައެޅިފައިވާ އުސޫލުން ޤާނޫނީ ފިޔަވަޅު އަޅަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ވަޒީފާ އަދާކުރާ ފަރާތްތައް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާ، ރަޖިސްޓަރ ކުރުމަށްފަހު މުއައްޒަފުން ޕެންޝަން ސްކީމްގައި ބައިވެރިނުކުރާ ފަރާތްތަކާއި ކުންފުނި ރަޖިސްޓަރކޮށް، މުއައްޒަފުންވެސް ބައިވެރިކޮށް މަހުންމަހަށް ފައިސާ ޖަމާނުކުރާ ފަރާތްތައްކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގެ ހާގައި ވާގޮތުން، ޕެންޝަން ސްކީމްގެ ބައިވެރިއަކު ކަމުގައިވާ ކޮންމެ މީހެއްގެ، މުސާރައިގެ މަދުވެގެން ހަތެއް އިންސައްތަ އަދި އެ މުވައްޒަފުގެ މުސާރައިގެ މަދުވެގެން ހަތެއް އިންސައްތަ އެ މުއައްޒަފަކަށް ވަޒީފާ ދީފައިވާ ފަރާތުން ޕެންޝަން ސްކީމަށް ދައްކަންޖެހެއެވެ. މިގޮތުން މި ސްކީމަށް ފައިސާ ދައްކަންޖެހެނީ އުމުރުން ސޯޅަ އަހަރާއި ފަސްދޮޅަސް ފަސް އަހަރާއި ދެމެދުގެ ވަޒީފާ އަދާކުރާ މުވައްޒަފުންނެވެ. 

ފަސްދޮޅަސް ފަސް އަހަރުން މަތީގެ މީހުންގެ މައްޗަށް ސްކީމަށް ފައިސާ ދެއްކުމަށް ހަމަޖެހިފައެއްނުވެއެވެ.