ވޭތުވެދިޔަ ފަސްއަހަރު އެސްޓީއޯއިން އިމާރާތް ކުރުމުގެ ސާމާނު އެތެރެކުރި މިންވަރު %60 އިތުރުވެފައެވެ. މިއީ ދިވެހިރާއްޖޭގައި އިމާރާއްކުރުމުގެ ދާއިރާ ފުޅާވެ އިޤްތިސާދު ކުރިއަރައިގެން އަންނަކަން ހާމަކޮށްދޭކަމެއް ކަމަށް އެސްޓީއޯ ބުނެއެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އަކީ ރާއްޖޭގައި އިމާރާތް ކުރުމަށް ބޭނުންވާ ސަމާނު ފުޅާދާއިރާއެއްގައި އެތެރެކޮށް ވިއްކަމުން އަންނަ ކުންފުންޏެކެވެ. އެސްޓިއޯއިން އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު އެތެރެކުރަން ފަށާފައިވަނީ 1988 ވަނަ އަހަރުއެވެ. އެގޮތުން އެސްޓިއޯއިން އެތެކުރާ މައިގަނޑު ކޮންސްޓްރަކްޝަން މެޓީރިއަލްތަކުގެ ތެރޭގައި، ހިލައާއި، ހިލަވެއްޔާއި، ދަގަނޑާއި، ހޮޅިފަދަ ސާމާނު ހިމެނެއެވެ.
އެސްޓީއޯގެ ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ޖެނެރަލް މެނޭޖަރ ޢަބްދުލް ވާހިދު މޫސާ ވިދާޅުވީ ކޮންސްޓަކްޝަން މެޓީރިއަލް ގަތުމަށް އޮންނަ ޑިމާންޑް ވަރަށް ބޮޑުތަން އިތުރުވެފައިވާކަމަށެވެ. އެގޮތުން ވޭތުވެދިޔަ 5 އަހަރު ދުވަހުގެތެރޭގައި 60 އާއި 70 އިންސައްތައާއި ގާތްކުރާ އަދަދަކަށް އެސްޓީއޯއިން ކޮންސްޓްރަކްޝަން މެޓީރިއަލް އެތެރެކުރާ މިންވަރު އިތުރުވެފައިވާކަމަށެވެ. އަދި އަބަދުވެސް ކަސްޓަމަރުންނަށް މެޓީރިއަލް ފޯރުކޮށްދެވޭވަރަށް މެޓީރިއަލްސްގެ ސްޓޮކް ބަހައްޓަމުން އަންނައިރު ތަކެތީގެ އަގު ހެޔޮކޮށް ވިއްކުމަށް މަސައްކަތް ކުރަމުންއަންނަކަމަށެވެ.
އެގޮތުން ޑޮލަރުގެ އަގު މައްޗައް އުފުލިގެން ދިއުމާއިއެކު ޑޮލަރު ލިބުމަށް ދިމާވި ދަތިތަކުގެ ސަބަބުން، މެޓީރިއަލް ވިއްކާ އަގުތަށް ބޮޑުވެ ވިޔަފާރިއަށް ހީނަރުކަމެއް އައި ނަމަވެސް، ފައިނޭންޝަލް ސެކްޓަރ އަލުން ރަނގަޅުވެ މިހާރު ކަސްޓަމަރުންނަށް މެޓީރިއަލްތައް ހެޔޮއަގުގައި ލިބޭނެ މަގު ފަހިކޮށްދީފައިވާކަމަށް ވާހިދު ވިދާޅުވިއެވެ. އެގޮތުން އެސްޓީއޯއިން ވިއްކާ ހުރިހާ ކޮންސްޓްރަކްޝަން މެޓީރިއަލްސްތަކަކުން 30 އިންސައްތަ އަގުހެޔޮކޮށް މިހާރު ވިއްކަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
ވާހިދް ވިދާޅުވީ މާލެއާއި އަތޮޅުތެރޭގައި ހިލައާއި ހިލަވެއްޔާއި ދަގަނޑުގެ ބާވަތްތަކަށް އޮތް ޑީމާންޑު ވޭތުވެ ދިޔަ ފަސް އަހަރުތެރޭގައި ވަރަށްބޮޑަށް އިތުރުވެފައިވާކަމަށެވެ. އެގޮތުން އެސްޓީއޯއިން ކޮންސްޓްރަކްޝަން މެޓީރިއަލް އެތެރެކުރާ މިންވަރު އިތުރުކޮށް، މިދާއިރާއަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދޭ މިންވަރު އިތުރުކުރަމަށް މަސައްކަތްކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރެޑީމިކްސް ކޮންކްރީޓް އުފައްދާ، ސައިޓުތަކަށް ގެންގޮސްދިނުމުގެ މަސައްކަތް މިހާރު އެކުންފުނިން ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ދެމަސްތެރޭގައި ހުޅުމާލޭގައިވެސް ރެޑީމިކްސް ކޮންކްރީޓް ވިއްކުމުގެ މަސައްކަތް ފަށާނެކަމަށް ވާހިދް ވިދާޅުވިއެވެ.
ދާދިފަހުން ސަރުކާރުންވެސްވަނީ ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް ކުރިއަށްއޮތް ތިން މަސައްދުވަހަށް ބޭނުންވާވަރަށް ހިލައާއި ހިލަވެލި އެތުރެކޮށްފައެވެ. މިކަމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީއިން ބުނީ ވަކި އުސޫލެއްގެމަތިން ކޮންމެ ފަރާތަކަށްވެސް ހިލަޔާއި ހިލަވެލި އެތެރެކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މިގޮތަށް ބަދަލުގެނެސްފައިވަނީ ފަސޭހަކަމާއިއެކު ރާއްޖެއަށް ބޭނުންވާ ހިލައާއި ހިލަވެލި ފޯރުކޮށްދީ، ހެޔޮއަގުގައި ކޮންޓްރެކްޓަރުންނަށް ސާމާނު ލިބޭނެ މަގު ފަހިކޮށްދިނުމަށްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.