ޚަބަރު

ތިލަފުށި އެކްސެސް ރޯޑްގައި ތާރުއެޅުމުގެ މަސައްކަތް ފަށަނީ


ތިލަފުށި ކޯޕަރޭޝަނުން ތިލަފުށީ ޒޯން އެކަކާއި އިންޑަސްޓްރިއަލް ޒޯން ގުޅުވާލައިދޭ އެކްސެސް ރޯޑްގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް ތިލަފުށި ކޯޕަރޭޝަނުން ބުނެފިއެވެ. 

ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނާސިފް ވިދާޅުވީ މި މަސައްކަތް ނިމޭއިރު އިންޑަސްޓްރިއަލް ޒޯނަށް ފެނާއި ކަރަންޓުގެ ޚިދުމަތްވެސް ދެވޭނެކަމަށެވެ. ތިލަފުށީފައި މަސައްކަތްކުރާ ފަރާތްތަކަށް ތިލަފުށްޓަކީ މަސައްކަތްކުރަން ފަސޭހަ، ރައްކާތެރި މާޙައުލަކަށް ހެދުމަށް ތިލަފުށި ކޯޕަރޭޝަނުން އަންނަނީ އިންތިޒާމްތައް ހަމަޖައްސަމުންނެވެ. އެގޮތުން ތިލަފުށި އެކެއް އަދި އިންޑަސްޓްރިއަލް ޒޯން ގުޅުވައިދޭ މަގު ތަރައްޤީކުރުމުގެ މަސައްކަތަކީ އަލަށް ތަރައްޤީކުރާ އިންޑަސްޓްރިއަލް ޒޯނަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ މަގެކެވެ. 

އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލްކޮށްގެން ހަދާ މި މަގުގެ މަސައްކަތް ނިމޭއިރު، މި މަގަކީ އެންމެ ޒަމާނީ ފެންވަރުގައި ތަރައްޤީކުރެވިފައިވާ މަގަކަށް ވާނެކަމަށް ތިލަފުށި ކޯޕަރޭޝަނުން ބުނެއެވެ. އިންޑަސްޓްރިއަލް ޒޯނާއި ތިލަފުށި އެކެއް ގުޅުވާލުމަށް އަށްސަތޭކަ ތިރީސް އެކެއް ޕޮއިންޓް ނުވައެއް މީޓަރު ދިގު، ނަވާރަ ޕޮއިންޓް ހަތެއް މީޓަރު ފުޅާ މަގެއް ހިއްކާފައިވެއެވެ. އަދި މަގުގެ ފަސްގަޑު އެއްވަރުކުރުމާއި، އޮއިވަރާއި ރާޅުން މަގު ސަލާމަތްކުރުމަށް ދެފަރާތުގައި ޖިއޯބޭގްސް ޖައްސައިގެން ރައްކާތެރިކުރުމުގެ މަސައްކަތްވެސް ކޮށްފައިވާކަމަށް ތިލަފުށި ކޯޕަރޭޝަނުން ބުނެއެވެ.

އެކްސެސްރޯޑް ތާރު އަޅައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، މަގުގައި ތާރުއެޅުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވެފައިވާކަމަށް ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނާސިފް ވިދާޅުވިއެވެ. ނަސިފް ވިދާޅުވީ މަގު ތަރައްޤީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިންޑަސްޓްރިއަލް ޒޯނަށް ފެނާއި ކަރަންޓް ދިނުން ކަމަށެވެ. މަގުހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އިންޑަސްޓްރިއަލް ޒޯނަށް ފެނާއި ކަރަންޓްދިނުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ނާސިފް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ފެނާއި ކަރަންޓު އިންޑަސްޓްރިއަލް ޒޯނަށް ދެވޭނެކަމަށް ތިލަފުށި ކޯޕަރޭޝަނުން ބުނެއެވެ.

ނާސިފް ވިދާޅުވީ މިފަދަ ތަނަވަސް މަގެއް ތަރައްޤީ ކުރުމުގެ މަޤްޞަދަކީ ބިންކުއްޔަށް ހިފާ ވިޔަފާރިވެރިން ބޭނުންވާފަދަ ރަނގަޅު ޚިދުމަތެއް ދިނުން ކަމަށެވެ. އަދި ތިލަފުށީގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތައް މި މަގުގެ ސަބަބުން އިތުރަށް ޝައުޤުވެރިކުރެވޭނެކަމަށް ނާސިފް ވިދާޅުވިއެވެ.

އެކްސެސް ރޯޑްގެ އިތުރަށް ރިލަފުށީގެ އެހެނިހެން މަގުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް ތިލަފުށި ކޯޕަރޭޝަނުން އަންނަނީ މަސައްކަތަ ކުރަމުންނެވެ. މަގުތައް ހަލާކުވުމުގެ ސަބަބުން ދުއްވާ އުޅަނދުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް މަގުތައް އެއްވަރުކުރުމާއި، ވެލިގަނޑު ހަމަޖެއްސުމާއި އަދި ވިއްސާރައިގެ ސަބަބުން މަގުގައި ހެދޭ ފެން ހިންދުމަށް މަސައްކަތްކުރުން މީގެތެރޭގައި ހިމެނެއެވެ.