ތަޢުލީމު

އިތުރު ސްކޫލްތަކެއްގައި މަލްޓިގްރޭޑް ޓީޗިންގ ފަށަނީ


އަންނަ އަހަރު އިތުރު ސްކޫލްތަކެއްގައި މަލްޓިގްރޭޑް ޓީޗިންގް ފަށާނެކަމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ. ރާއްޖޭގައި އަލަށް މަލްޓިގްރޭޑް ޓީޗިންގ ތަޢާރަފްކުރެވި މިހާރު ދަނީ 44 ސްކޫލެއްގައި މަލްޓިގްރޭޑަށް ކިޔަވައިދެމުންނެވެ.

މަލްޓި ގްރޭޑް ޓީޗިންއަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަކީ ހުނަރުވެރި ޤާބިލް ބަޔަކަށް ހެދުމަށްޓަކައި، އެއްވެސް ކުއްޖަކު ބާކި ނުކުރުމުގެ ސިޔާސަތުގެ ދަށުން އެޑިއުކެޝަން މިނިސްޓްރީން ފަށްޓަވާފައިވާ މަސައްކަތަކެކެވެ. މަލްޓިގްރޭޑް ޓީޗިންގ އަކީ އާބާދީ މަދު ސްކޫލްތަކުގައި އެކި ގްރޭޑްތައް އެއްކޮށްލައިގެން ކިޔަވައިދިނުމެވެ. އަދި މިކަމަކީ ކުރި އަރާފައިވާ ޤައުމުތަކުގައި ކިޔަވައިދިނުމުގައި  ބޭނުންކުރާ ގޮތެކެވެ.

އާބާދީ މަދު ސްކޫލްތަކުގައި ދޭއް ނުވަތަ ތިން ކުދިންނަށް ކުލާހެއްގައި ކިޔަވައިދޭން ޖެހުމުން، ދަރިވަރުންގެ އިތުރުން ޓީޗަރުންނަށްވެސް އެކަށޭނަ ކިޔަވައިދިނުމުގެ މާހައުލެއް ޤާއިމް ނުކުރެވެއެވެ. އަދި ބައެއް ފިލާވަޅުތައް ހެދުމުގައި ދަތިތައް ދިމާވެ ދަރިވަރުންގެ ޝައުގުވެރިކަން ގެއްލިގެންދާތަން ފެނެއެވެ. އެހެން ނަމަވެސް މިފަދަ ސްކޫލްތަކަށް މަލްޓި ގްރޭޑް ޓީޗިންގް ތަޢާރަފްކުރުމުން މިކަމަށް ޙައްލުލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ. ރާއްޖޭގައި މަލްޓި ގްރޭޑްތަކަށް ކިޔަވައިދޭން ނިންމާފައިވަނީ ޤައުމީ މަންހަޖުގައި ހިމެނޭ ކީސްޓޭޖްތައް އެއްކޮށްގެންނެވެ.

އެގޮތުން ކީ ސްޓޭޖް އެކެއްގައި ހިމެނޭ ގްރޭޑް އެކެއް ދޭއް އަދި ތިނެއް އެއްކުރުމަށްފަހު މަލްޓިގްރޭޑްކޮށް ކިޔަވައިދެވޭ އިރު ކީސްޓޭޖް ދޭއްގައި ހިމެނޭ ގްރޭޑް ހަތަރަކާއި ފަހަކަށް ކިޔަވައިދޭނީ އެއްކޮށްލައިގެންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ސްކޫލް އޮފް ރިސަރޗް އެންޑް ޑިވަލަޕްމަންތްގެ ހެޑް އާނިޔަތު ޢަލީ ވިދާޅުވީ އަންނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުން އެންރޯލްވުމާއެކު، މަލްޓި ގްރޭޑް ޓީޗިންގއަށް ކިޔަވައިދެވޭނެ ސްކޫލްތައް ކަނޑައެޅިގެންދާނެކަމަށެވެ.

މަލްޓި ގްރޭޑް ޓީޗިންގއަށް ކިޔަވައިދެނީ އާބާދީގެ ގޮތުން މަދު ސްކޫލްތަކުގެ ތެރެއިން، އެއް ގްރޭޑެއްގައި 20 ކުދިން ހަމަނުވާ ކްލާސްތައް، އެ ކީ ސްޓޭޖެއްގައި ހިމެނޭ އެހެން ގްރޭޑްތަކުގެ ކްލާސްތަކާ އެއްކުރުމަށްފަހުގައިކަމަށް އެންއައިއީން ބުނެއެވެ. އެންއައިއީން ބުނީ މިގޮތަށް ނިންމާފައިވަނީ މަލްޓިގްރޭޑް ޓީޗިންގ އަކީ އާބާދީމަދު ސްކޫލްތަކަށް އެންމެއެކަށޭނެ އަދި ދަރިވަރުންނަށް އެންމެ ފައިދާކުރާނެ ގޮތްކަމަށް ވާތީކަމަށެވެ.

ނިސްބަތުން ކުދިން މަދު ސްކޫލުތަކުގައި، ހުރިހާ ގްރޭޑެއްގެ ކްލާސްތަކަށް ޓީޗަރުން ހަމަކޮށް، މަދު ދަރިވަރުންތަކަކަށް، ކިޔަވައިދިނުމަކީ އިޤްތިޞާދީގޮތުން ދެކޮޅުނުޖެހޭ، ޚަރަދުބޮޑު، އަދި ރަނގަޅު ނަތީޖާއަކާ ހަމައަށް ވާސިލް ނުވެވޭ ބުރަ މަސައްކަތެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި މިއީ އިންސާނީ ވަސީލަތް ފުރިހަމަގޮތުގައި ބޭނުން ނުކުރެވި، ބޭކާރު ޚަރަދުތައް އިތުރުވެގެންދާ ކަމެއްކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށްވެސް މަލްޓިގްރޭޑް ޓީޗިންގ ތަޢާރަފު ކޮށްފައިވަނީ، ރައްޔިތުންގެ ފިކުރާއި ވިސްނުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ރިޢާޔަތްކޮށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.