ޚަބަރު

ގްލޯނެޓް އެޑިއުކޭޝަން ފެއަރ ނިމިއްޖެ


ރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ބޭއްވި "ގްލޯނެޓް އެޑިއުކޭޝަން ފެއަރ" ނިމިއްޖެއެވެ. 

މިމަހުގެ އޮނަތިރީހުން ފެށިގެން ތިރީހުގެ ނިޔަލަށް އާޓް ގެލަރީގައި ކުރިއަށްގެންދިޔަ ގްލޯނެޓް އެޑިއުކޭޝަން ފެއަރއަކީ މަތީ ތަޢުލީމް އުގެނުމަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ގްލޯނެޓުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފެއާރއެކެވެ. 

މިފަހަރުގެ ފެއާރގައި މެލޭޝިޔާގެ ތޭރަ ޔުނިވަރސިޓީއަކުން ބައިވެރިވެފައިވެއެވެ. ޢާއްމުގޮތެއްގައި މިފެއާރގައި އެންމެ ގިނައިން ބައިވެރިވަނީ މެލޭޝިޔާގެ ޔުނިވަރސިޓީތަކުންނެވެ. އޭގެ ތެރޭގައި ދިވެހިން ޢާންމު ގޮތެއްގައި ކިޔަވަމުންދާ ޔުނިވަރސިޓީތައް ކަމަށްވާ، ސަންވޭ ޔުނިވަރސިޓީ، ޓެއިލަރސް ޔުނިވަރސިޓީ ފަދަ ތަންތަން ހިމެނޭ"އެވެ. މީގެ އިތުރުން ރާއްޖޭގެ މެރިޓައިމް އެކަޑަމީ ބިޒްނަސް ސްކޫލް ވެސް ބައިވެރިވިއެވެ.

މިފެއަރ އާ ބެހޭގޮތުން ޕީއެސްއެމް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ގްލޯނެޓްގެ ޑިރެކްޓަރ މުޙައްމަދު ނަސީމް ވިދާޅުވީ މި ފަހަރުގެ ފެއަރއިންވެސް ބޮޑު ތަރުހީބެއް ލިބުނުކަމަށާއި މަތީތައުލީމް ޙާސިލްކުރަން ބޭނުންވާ ކުދިންނަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދިންކަމަށެވެ.

ނަސީމް ވިދާޅުވީ އަންނަ އަހަރުވެސް މީގެ ފެއަރއެއް ބާއްވާނެކަމަށް. އަދި އެ ފެއަރގައި މެލޭޝިޔާގެ ޔުނިވަރސިޓީތަކުގެ އިތުރުން އެހެން ޤައުމުތަކުގެ ޔުނިވަރސިޓީތައްވެސް ބައިވެރިކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.

މި ފެއަރައަށް ޒިޔާރަތް ކުރި ބައެއް ފަރާތްތައް ބުނީ މިފަދަ ފެއަރ އެއް ބޭއްވުމަކީ ވަރަށް މުހިއްމު ކަމެއްކަމަށާއި، މި ފެއާގެ ޒަރިއްޔާއިން ގިނަ މަޢުލޫމާތުތަކެއްވެސް ލިބުނުކަމަށެވެ.

ގްލޯނެޓުން ބުނީ މި ފެއަރއަށް ޒިޔާރަތް ކުރި ފަރާތްތަކުގައި ނަގާ ގުރުއަތުން ހޮވޭ ކޮންމެވެސް ދެ ފަރާތަކަށް މެލޭޝިޔާގެ ޔުނިވަރސިޓީ ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ.