ޚަބަރު

ރަސްރަނި ބަގީޗާއަށް ބޭރު މީހުންގެ ފަރާތުން ބޮޑު ތަރުޚީބެއް ލިބޭ


ރަސްރަނި ބަގީޗާއަކީ ދިވެހިންނަށް ޚާއްޞަކޮށްގެން ތަރައްޤީކޮށްފައިވާ ބަގީޗާއެއް ނަމަވެސް ރާއްޖޭން ބޭރު މީހުންގެ ތަރުޙީބުވެސް ދަނީ ރަސްރަނި ބަގީޗާއަށް ދަނީ ލިބެމުންނެވެ. ދިވެހިންނަށް ޚާއްޞަކޮށްގެން ތަރައްޤީކޮށްފައިވާ ޕާކަށް ރާއްޖޭން ބޭރުގެ މީހުންނަށް ވަދެވެނީ އެކަމަށް ކަނޑައަޅާފައިވާ ޚާއްޞަ ޓިކެޓެއް ނަގައިގެނެވެ. ހައުސިންގް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެ ދިޔަ ފަސްދުވަހުގެ ތެރޭގައި ރަސްރަނި ބަގީޗާއަށް ޓިކެޓު ނަގައިގެން ސަތޭކަ ސާޅީހަށްވުރެ ގިނަ މީހުން ވަދެފައިވެއެވެ. އަދި ޓިކެޓް ވިއްކައިގެން ފަސްދުވަހުގެ ތެރޭގައި ދިހަހާހަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ރަސްރަނި ބަގީޗާއަށް ވަންނަ ބޭރު މީހުންގެ އަތުން ސަރުކާރުން ފީއެއްނެގުމަށް ނިންމާފައިވަނީ މާލެއަކީ ގިނަ ޢަދަދަކަށް ބޭރު މީހުން އުޅެމުން އަންނަ ސިޓީއަކަށްވެފައި ތޮށްޖެހުން ކުޑަކުރުމުގެ ގޮތުންނެވެ. އެގޮތުން ހަފްތާގެ ދުވަސްތަކުގައާއި، ހަފްތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގެ ދުވާލުގެ ވަގުތުތަކުގައި ހަތްދިހަ ފަސްރުފިޔާގެ ފީއެއް ނަގަމުން އަންނައިރު، ހަފްތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގެ ރޭގަނޑު ފީއެއްގެ ގޮތުގައި ނަގަމުން އަންނަނީ ސަތޭކަ ރުފިޔާއެވެ.

ރަސްރަނި ބަގީޗާ އާއްމުންނަށް ހުޅުވާލިތާ ހަފްތާއެއް ވެފައިވާއިރު ރަސްރަނި ބަގީޗާއަށް ދަނީ ދިވެހިންގެވެސް ބޮޑު ތަރުޙީބެއް ލިބެމުންނެވެ. ރަސްރަނި ބަގީޗާ ތަރައްޤީކޮށްފައިވަނީ ކުޑަކުދިންނަށް ކުޅެވޭގޮތަށް ގިނަ ކުޅިވަރުތަކާއި، ތާރީޚާބެހޭ މަޢުލޫމާތާއި، ޢާއިލާއާއެކު ހިތްގައުމު މާޙައުލެއްގައި ވަގުތު ހޭދަކުރެވޭގޮތަށެވެ. އެގޮތުން ޕްލޭ އޭރިއާއި، ލެޑް އުދޯލިތަކާއި، ޓްރީހައުސްއަކާއި، ގްރީން ޓަންލްގެ އިތުރުން ތުއްތު ކުދިންނަށް ޕްލޭ އޭރިއާތަކާއި، ހިތްގައިމު ފެންއަރުވާ ވަޑާން ހިމެނެއެވެ.