ޚަބަރު

ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި


ކުޅުދުއްފުއްޓަކީ ހދ. އަތޮޅުގައި އެންމެ އާބަދީ ބޮޑު ރަށެވެ. ކުޅުދުއްފުށީގެ ރައްޔިތުންގެ އިތުރުން، އެކިއެކި ބޭނުންތަކަށް އެރަށަށް ހިޖުރަކޮށްގެން ގިނައަދަދަކަށް މީހުން ދިރިއުޅެމުންދެއެވެ. އެގޮތުން ކުޅުދުއްފުށީގެ އާބާދީއަށް ބަލާއިރު ބާރަހާހަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދެއެވެ. 

ކުޅުދުއްފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވިއްސާރަމޫސުމުގައި ހިނގާބިނގާވެ އުޅެން ދަތިވާވަރަށް އެރަށު މަގުތަކުގައި ފެންބޮޑުވުމެވެ. މި މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުންދަނީ އެރަށުގެ މަގުތައް ރަނގަޅުފެންވަރެއްގައި ތަރައްޤީކުރުމަށް މަސައްކަތްކުރަމުންނެވެ. ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ ހައުސިންގ މިނިސްޓްރީއިން މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

އެމްއާރްޑީސީން މަޢޫލޫމާތުދޭ ގޮތުގައި ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާއިރު ފުރަތަމަ ތާރުއަޅަން ފަށާފައިވަނީ ކުޅުދުއްފުށި މަގާން މަގުގައެވެ. އެރަށުގެ ނިކަގަސް މަގުގައި ވަނީ ސީއެސްބީ ލޭޔަރވެސް އަޅަން ފަށާފައެވެ. ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢުގެ ތެރޭގައި އެރަށު މަގުތަކުގައި ފެންބޮޑުވުމަށް ދިމާވާ މައްސަލަ ޙައްލުކުރުމަށް ދެ ޕަމްޕް ސްޓޭޝަން ހެދުމަށްވެސް ހަމަޖެހިފައިވާކަމަށް އެމްއާރްޑީސީއިން ބުނެއެވެ. މި ސިސްޓަމްތަކަކީ ކާނުތައް ފުރިގެން އިތުރުވާފެން މޫދައް ބޭރުކުރެވޭގޮތަށް ހަދާ ޕަމްޕް ސްޓޭޝަނެކެވެ.

ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢުގައި 18 މަގެއް ރަނގަޅު ފެންވަރުގައި ތަރައްޤީކޮށް ތާރު އެޅުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ފަހެއް ޕޮއިންޓް އަށެއް ކިލޯމީޓަރުގައި ތާރުއެޅުމަށް ހަމަޖެހިފައިވާކަމަށް އެމްއާރްޑީސީން މަޢުލޫމާތުދެއެވެ. 

ކުޅުދުއްފުށީ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަޝްރޫޢުއަށް ފަސްދޮޅަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ. އެމްއާރްޑީސީގެ ޢަމާޒަކީ ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢު މިއަހަރުގެ ނިޔަލަށް ނިންމާލުމެވެ.

ކުޅުދުއްފުށީ އަމީނީ މަގަކީ މިހާރުވެސް ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދާފައިވާ މަގެކެވެ. ކުޅުދުއްފުށީ މަގުހެދުމުގެ މަސައްކަތް ނިމޭއިރު އެރަށުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރެއްގައި ހެދިގެންދާނެއެވެ.