ޚަބަރު

އެމްއެމްއޭ ބޯޑަށް އިދްހާމް ހުސައިން ޢައްޔަނުކުރައްވައިފި


މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އެއޮތޯރިޓީގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅެއްކަމަށްވާ، އިދްހާމް ހުސައިން ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޢައްޔަނުކުރައްވައިފިއެވެ.

އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑަށް އިދުހާމް ހުސައިން އައްޔަނުކުރައްވާފައިވާއިރު، އެކަމަނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ، އެމްއެމްއޭގެ އެސިސްޓަންޓް ގަވަރުނަރ ކަމުގެ މަޤާމެވެ. މީގެ އިތުރުން އެކަމަނާއަކީ މަނިޓަރީ ޕޮލިސީ ރިސަރޗް އެންޑް ސްޓެޓިސްޓިކްސް ޑިޕާޓްމަންޓްގެ އެންމެ އިސްވެރިޔާއެވެ. 

އިދުހާމް ހުސައިން އަކީ އޮނަވިހިސަތޭކަ ނުވަދިހަވަނަ އަހަރުން ފެށިގެން މަރުކަޒީ ބޭންކްގެ އެކި މަޤާމްތައް އަދާކުރައްވަމުން ގެންދަވާ ބޭކަނބަލެކެވެ. އެގޮތުން އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި މަނިޓަރީ ޕޮލިސީ ރިސަރޗް އެންޑް ސްޓެޓިސްޓިކްސް ޑިޕާޓްމަންޓްގެ އެގްޒެކްޓިވް ޑިރެކްޓަރގެ މަޤާމްވެސް ހިމެނެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޤާނޫނު ބުނާގޮތުން އެބޭންކްގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ ހަތް ބޭފުޅުންގެ މައްޗަށެވެ. މީގެ ތެރެއިން އިދުހާމް ހުސައިން އައްޔަނުކޮށްފައިވަނީ، އެމްއެމްއޭގެ ޤާނޫނުގެ ދެވަނަ މާއްދާގެ ނ.ގެ ދަށުންނެވެ. 

އެމްއެމްއޭގެ ޤާނޫނުގެ ދެވަނަ މާއްދާގެ ނ.ގައި ބުނެފައިވަނީ ޑިރެކްޓަރުންގެ ބޯޑަށް، އެއޮތޯރިޓީގެ އިކޮނޮމިކް ރިސަރޗް އެންޑް ސްޓެޓިސްޓިކްސް ދާއިރާއިން ނުވަތަ ފައިނޭންޝަލް ސެކްޓަރ ދާއިރާއިން މީހެއް ގަވަރުނަރުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަންވާނެކަމަށެވެ.