ޚަބަރު

"ސުލްހައިގެ ވަފްދުތަކުގެ ދައުރު އިތުރަށް ހަރުދަނާ ކުރަންޖެހޭ"


ސުލްޙަ ޤާއިމުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ އދ.ގެ ސުލްހައިގެ ވަފްދުތަކުގެ ދައުރު އިތުރަށް ހަރުދަނާ ކުރުމަށް ސެކިއުރިޓީ ކައުންސިލްގެ ދައުރު މުހިންމުކަމަށް ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ޢަލީ ނަސީރު ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ސުލްޙަ ޤާއިމުކުރުމަށް އދ.ގެ ސެކިއުރިޓީ ކައުންސިލުން ކުރިއަށްގެންދިޔަ ހުޅުވާލެވިފައިވާ ބަހުސްގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަދައްކަވަމުން ޑރ. ޢަލީ ނަސީރު ވިދާޅުވީ، ދުނިޔޭގައި ސުލްޙަ ޤާއިމުކުރުމަށް އދ.ގެ ސެކިއުރިޓީ ކައުންސިލުން އިސްނަގަން ޖެހޭކަމަށް ދިވެހި ސަރުކާރުން ޤަބޫލުކުރާކަމަށެވެ. އަދި ސުލްހަ ޤާއިމުކުރުމަށް ހަރަކާތްތެރިވާ އދ.ގެ ވަފްދުތަކަށް އިސްލާޙީ ބަދަލެއް ގެނައުމަށް ސެކިއުރިޓީ ކައުންސިލުން އިސް ނަގަންޖެހޭކަމަށްވެސް ޑރ. ޢަލީ ނަސީރު ވިދާޅުވިއެވެ.

ދުނިޔޭގައި ސުލްޙަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި ޤައުމުތަކުން އެއް ލަނޑުދަނޑިތަކެއް ކަނޑައަޅައި، ޤައުމުތަކުގެ އެތެރޭގެ އެއްބައިވަންތަކަމާއެކު އެލަނޑުދަނޑިތަކަށް ވާސިލުވުމުގެ މަސައްކަތް ކުރަންޖެހޭކަމަށް ޑރ. ޢަލީ ނަސީރު ވިދާޅުވިއެވެ. އަދި ދުނިޔޭގައި ސުލްޙަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ޑރ. ޢަލީ ނަސީރު ވިދާޅުވިއެވެ.

އދ.ގެ ސެކިއުރިޓީ ކައުންސިލްގެ އޯޕަން ޑިބޭޑްގައި ޑރ. ޢަލީ ނަސީރު ތަޤްރީރު ކުރައްވާފައިވާއިރު، ދިވެހިރާއްޖެއިން ގެންދަނީ އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ނޮން-ޕާރމަނެންޓް މެމްބަރުކަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.