ޚަބަރު

ގެދޮރު އަގުހެޔޮ ކުރުމުގެ ލޯނު ސްކީމް ހުޅުވާލައިފި


އަރަބިއްޔާ އަދި ގާކޮށި ބިމުގައި ހުރި ފްލެޓްތަކަށް މާލީ ދަތިކަމާހުރެ ފައިސާ ނުދެއްކިތިބި ފަރާތްތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި އެޗްޑިސީއާއި ހައުސިންގ މިނިސްޓްރީ ގުޅިގެން ތަޢާރަފްކުރި ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިފިއެވެ.

އަރަބިއްޔާ އަދި ގާކޮށިގައި އަޅާފައިވާ ފްލެޓްތަކަކީ ކުރީގެ ސަރުކާރުން ޓާޓާ ކުންފުންޏާއި ހަވާލުކޮށްގެން އިމާރަތްކޮށްފައިވާ ފްލެޓްތަކެކެވެ. މި ފްލެޓްތަކަކީ ބޮޑުޚަރަދެއް ކޮށްގެން އަޅާފައިވާ ފްލެޓްތަކެއް ކަމުން މި ފްލެޓްތައް ކުއްޔަށް ދެވެން އަންނަނީ އެޗްޑީސީން މި މަސައްކަތަށް ނަގާފައި ލޯނަށް ފައިސާ އަނބުރާ ދެއްކޭނެ އުސޫލެއްގެ މަތިންނެވެ. މިހާތަނަށް ސާޅީހަކަށް ފަރާތުން އަރަބިއްޔާ އަދި ގާކޮށި ފްލެޓްތަކަށް ދިރިއުޅުން ބަދަލުކޮށްފައިވާއިރު، ފްލެޓްތަށް ލިބުނު ގިނަފަރާތްތަކަށް ބަދަލުނުވެވިފައި ވަނީ މާލީ ދަތިތަކުގެ ސަބަބުންނެވެ.

ނަމަވެސް މިކަމުގައި އެފަރާތްތަކަށް އެހީތެރިވުމަށް އެޗްޑިސީއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ހައުސިންގ މިނިސްޓްރީން ވަނީ "ގެދޮރު އަގުހެޔޮ ކުރުމުގެ ލޯން ސްކީމް"ގެ ނަމުގައި ލޯން ސްކީމެއް ތަޢާރަފްކޮށްފައެވެ. އެޗްޑީސީން މަޢުލޫމާތުދޭގޮތުގައި ލޯނު ސްކީމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރުވަނީ ލޯނަށް އެދި ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ލޯނަށް އެދި ހުށައެޅޭނީ އެޗްޑީސީން ކަނޑައަޅާފައިވާ އަސާސީ މަޢުލޫމާތާއި ގުޅޭ ފޯމް ފުރިހަމަކުރުމަށްފަހުއެވެ. 

މި ފޯމު ސެޕްޓެމްބަރ ބާރައިގެ ކުރިން އެޗްޑީސީއަށް ހުށައަޅަން ޖެހޭނަކަމަށް އެޗްޑީސީން ބުނެއެވެ. އަދި ފްލެޓްތައް ލިބުނު ފަރާތްތަކަށް ލޯނު ހޯދުމުގައި އެޗްޑީސީން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ. މާލީ އިދާރާ މެދުވެރިކޮށް ލޯނު ހަމަޖެހިފައިވާކަން 15 އޮކްޓޯބަރުގެ ކުރިން ލިޔުމަކުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަން އެންގުމަށް އެކޯޕަރޭޝަނުން ވަނީ އެދިފައެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފްލެޓްތައް ލިބުނު ފަރާތްތަކަށް އަގުހެޔޮކޮށް ފްލެޓްތައް ލިބޭނެގޮތް ހަމަޖެއްސެވުން ކަމަށެވެ. އެގޮތުން ސަރުކާރުން އެޗްޑީސީ މެދުވެރިކޮށް ޓާޓާ ކުންފުންޏަށް މިހާރު ދުއިސައްތަ ހަތްދިހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި އަލަށް ތަޢާރަފުކުރާ ލޯންގެ ސަބަބަން ޑައުންޕޭމަންޓްގެގޮތުގައި ދައްކަން ޖެހުނު ހަތަރު ލައްކަ ރުފިޔާގެ ބަދަލުގައި އެ އަދަދު އެތައް ގުނައަކަށް ކުޑަވެގެން ދާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އިންޓްރެސްޓްގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ކުޑަވެ ލޯނު އަދާ ކުރަން ޖެހޭ މުއްދަތު ފަނަރަ އަހަރުން ފަންސަވީސް އަހަރަށް އިތުރުކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުރީގެ އުސޫލުން ނަމަ އާމްދަނީގެ ގޮތުގައި ސާޅިސް ހާސް ރުފިޔާ ލިބެން ޖެހުނު ނަމަވެސް، އާ ސްކީމްގެ ދަށުން މި އަދަދު އާއިލާއާއި އެކު ޖޮއިންޓް އިންކަމްއެއްގެ ގޮތުގައި ކަނޑައެޅޭނެއެވެ. އަދި މިއަދަދު ސާޅީސްހާހުން ވިހި ހާހަށް ކުޑަކުރުމަށް އެމްއެމްއޭއިން މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.