ތަޢުލީމު

"ގްލޯނެޓް އެޑިއުކޭޝަން ފެއަރ"ހުޅުވައިފި


ރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ގްލޯނެޓުން ބާއްވަމުން އަންނަ "ގްލޯނެޓް އެޑިއުކޭޝަން ފެއަރ"ހުޅުވައިފިއެވެ.

މިއަހަރުގެ ފެއަރ ވެސް ކުރިއަށް ގެންދަނީ ނެޝަނަލް އަރޓް ގެލަރީގައެވެ. ފެއަރ ކުރިއަށްދާނީ ހަވީރު 5:00 އިން ރޭގަނޑު 10:00އަށެވެ. މިފަހަރުގެ ފެއާރގައި މެލޭޝިޔާގެ 13 ޔުނިވަރސިޓީއަކުން ބައިވެރިވެފައިވެއެވެ. ޢާންމުގޮތެއްގައި މިފެއާރގައި އެންމެ ގިނައިން ބައިވެރިވަނީ މެލޭޝިޔާގެ ޔުނިވަރސިޓީތަކުންނެވެ. އޭގެ ތެރޭގައި ދިވެހިން ޢާންމު ގޮތެއްގައި ކިޔަވަމުންދާ ޔުނިވަރސިޓީތައް ކަމަށްވާ، ސަންވޭ ޔުނިވަރސިޓީ، ޓެއިލަރސް ޔުނިވަރސިޓީ ފަދަ ތަންތަން ހިމެނެއެވެ. މީގެ އިތުރުން  ރާއްޖޭގެ މެރިޓައިމް އެކަޑަމީ ބިޒްނަސް ސްކޫލް ވެސް ހިމެނެއެވެ.

މިފެއަރ ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ގްލޯނެޓްގެ ޑިރެކްޓަރ މުޙައްމަދު ނަސީމް ވިދާޅުވީ، މި ފެއަރގެ އެހީގައި ދަރިވަރުންނަށް ވަރަށް ގިނަ މަޢޫލޫމާތުތަކެއް ލިބިގެންދާނެކަމަށެވެ. އަދި މި ފެއަރގައި ބެލެނިވެރިންވެސް ބައިވެރިވުމަކި މުހިއްމުކަމެއްކަމަށް ނަސީމް ވިދާޅުވިއެވެ. ފެއާރގައި ބައިވެރިވި ބައެއް ޔުނިވަރސިޓީތަކުން ބުނީ، ފެއަރ މެދުވެރިކޮށް ޔުނިވަރސިޓީތަކުން ކުރިއަށް ގެންދާ ކޯސްތަކާއި ގުޅޭ މަޢުލޫމާތާއި، ޕްލޭސްމަންޓް ލެޓާ އަދި ސްކޮރޝިޕްގެ އިތުރުން ކެރިއަރ ގައިޑެންސްއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނެކަމަށެވެ.

މިފަދަ ފެއަރތައް އަތޮޅުތަކުގައިވެސް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ގްލޯނެޓުން މަޢުލޫމާތު ދެއެވެ. މިއީ ގްލޯނެޓުން ބާއްވާ އެކަވީސް ވަނަ ފެއަރއެވެ.