ތަޢުލީމު

މެޕްސް ކޮލެޖުން 3 ދާއިރާއަކުން މާސްޓަރސްއަށް ކިޔެވުމުގެ ފުރުޞަތު


ތިން ދާއިރާއަކުން މާސްޓަރސް ފެންވަރަށް ކިޔެވުމުގެ ފުރުސަތު މެޕްސް ކޮލެޖުން ހުޅުވާލައިފިއެވެ.

މިއަދު ތަޢާރަފްކުރި ކޯސްތަކުގެ ތެރޭގައި ހިމެނެނީ އިގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބްރެޑްފޯރޑްޝެއަރގެ ތިން ޕްރޮގްރާމެކެވެ. އެއީ އެޑްމިނިސްޓްރޭޝަންއާއި ފައިނޭންސްގެ އިތުރުން ހޮސްޕިޓަލް އަދި ހެލްތް ސަރވިސް މެނޭޖްމަންޓްއެވެ. މިޕްރޮގްރާމްތައް އިފްތިތާހްކޮށްދެއްވީ މިއަދު މެޕްސް ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހީމްއެވެ. މި ޕްރޮގްރާމްތައް އިފްތިތާހް ކޮށްދެއްވުމަށްފަހު މިނިސްޓަރ ނާޒިމް ވިދާޅުވީ މި ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގައި ތިބެގެން ކިޔެވުމުގެ ފަހި ފުރުޞަތުތައް ދަރިވަރުންނަށް ލިބިގެންދާނެކަމަށެވެ.

ރަސްމިއްޔާތުގައި މެޕްސް ކޮލެޖްގެ ޑެޕިއުޓީ ޑިރެކްޓަރ ޢަބްދުލް އަޒީޒް ވިދާޅުވީ މާސްޓާސް ފެންވަރުގެ މިޕްރޮގްރާމްތައް ކުރިއަށް ގެންދާނީ އަމަލީ ހަރަކާތްތަކާއިއެކު، ދިރާސާކުރުމުގެ ބައި ވަރަށް ބޮޑަށް ހިމަނައިގެންކަމަށެވެ. އަދި ޕްރޮގްރާމްތަކުގައި ބައިވެރިވާ ދަރިވަރުންނާއި، ޑިޕްލޮމާއިން މަތީގެ ދަރިވަރުންނަށް އިސްލާމިކް ބޭންކުން ލޯންފެސިލިޓީގެ ޚިދުމަތް ލިބޭނެކަމަށެވެ.

މިޕްރޮގްރާމްތަކަށް މިއަދުންފެށިގެން ފުރުޞަތު ހުޅުވާލާފައިވާއިރު، ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ ފަހުކޮޅުގައެވެ. މެޕްސްއިން މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްހަމަޖެހިފައިވަނީ އިގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބްރެޑްފޯރޑްޝެއަރއާއި ގުޅިގެންނެވެ.