ވިޔަފާރި

އެމްޓީސީސީން ޙިއްޞާއަކަށް 24 ރުފިޔާ ބަހަން ފާސްކޮށްފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރަކްޓިންގ ކޮމްޕެނީ، (އެމްޓީސީސީ)ގެ ހުސްވިއަހަރުގެ ވިޔަފާރީގެ ފައިދާއިން ޙިއްޞާއަކަށް 24 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. އެމްޓީސީސީން މިގޮތަށް ފާސްކޮށްފައިވަނީ ދަރުބާރުގޭގައި ބޭއްވި އެކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ އާއްމުޖަލްސާގައެވެ.

194 ޙިއްޞާދާރުން ބައިވެރިވި އެމްޓީސީސީގެ ދެހާސް ސޯޅަވަނަ އަހަރުގެ އަހަރީ އާއްމުޖަލްސާގައި ޙިއްޞާއަކަށް 24 ރުފިޔާ ބަހަން ފާސްކުރީ، ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާގޮތަށް ޙިއްޞާދާރުންގެ ވޯޓުންނެވެ. މިއާއެކު މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން އެމްޓީސީސީގެ ޙިއްޞާދާރުންނަށް ޖުމްލަ 12 މިލިއަން ރުފިޔާ ބަހާނެއެވެ.

މި ޖަލްސާގައި އެ ކުންފުނީގެ ޙިއްޞާ ސްޕްލިޓްކުރުމާއި ބެހޭ ޤަރާރު ފާސްކޮށްފައިވެއެވެ. މި ގަރާރު ފާސްކޮށްފައިވަނީ ޙިއްޞާދާރުންގެ ފުރިހަމަ އަޣްލަބިއްޔަތުންނެވެ. ޙިއްޞާ ސްޕްލިޓް ކުރުމާއިއެކު އެމްޓީސީސީގެ މޫނުމަތީ ޙިއްޞާގެ އަގު 50 ރުފިޔާއިން 5 ރުފިޔާއަށް ދަށްކޮށް ކޮންމެ ޙިއްޞާއެއް ދިހަ ޙިއްޞާއަށް ބަދަލުކުރުމުގެ ފުރުސަތު އެކުންފުންޏަށް ލިބިގެންދާނެއެވެ.

މި ޖަލްސާގައި އެމްޓީސީސީން ވަނީ، ދިވެހި ސަރުކާރުން، އެމްޓީސީސީއަށް ދީފައިވާ 11 މިލިއަން އެމެރިކާ ޑޮލަރުގެ ސުމެއް އިންސައްތައިގެ އިންޓަރެސްޓްގެ ކުރުމުއްދަތުގެ ލޯނު އިކުއިޓީއަށް ބަދަލުކުރެވޭ ލޯނަކަށް ބަދަލުކުރުމުގެ ހުއްދަ ދިނުމާއި ބެހޭ ޤަރާރުވެސް ފާސްކޮށްފައެވެ. އެގާރަ މިލިއަން އެމެރިކާ ޑޮލަރުގެ މި ލޯނަކީ ޑްރެޖަރު ގަތުމަށް ބޭނުންވާ ޑައުން ޕޭމަންޓް ދެއްކުމަށް ސަރުކާރުން އެމްޓީސީސީއަށް ދިން ލޯނެކެވެ. މިކަމާއި ބެހޭގޮތުން ޙިއްޞާދާރުންނަށް މަޢުލޫމާތުދެއްވަމުން އެމްޓީސީސީގެ ޗެއާމަން އަޙުމަދު ނިޔާޒް ވިދާޅުވީ، ލޯނު އިކުއިޓީއަށް ބަދަލުކުރެވޭ ލޯނަކަށް ބަދަލުކުރުމުގެ ހުއްދަ ލިބިގެންދިއުމަކީ މިކަމުގެ ސަބަބުން ކުންފުނީގެ މުސްތަޤްބަލަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއްކަމަށެވެ.

އެމްޓީސީސީން ވަނީ ޙިއްޞާ ސްޕްލިޓް ކުރަން ނިންމުމާއި ގުޅިގެން ކުންފުނީގެ އަސާސީ ޤަވާއިދަށް ގެންނަންޖެހުނު ބަދަލުތައް ފާސްކޮށްފައެވެ. އަދި ރައިޓްސް އިޝޫކުރުމުން ކުންފުނީގެ ހިންގާ ޤަވާއިދަށް ގެންނަން ޖެހުނު ބަދަލުތައްވެސް ވަނީ ފާސްކޮށްފައެވެ. އެމްޓީސީސީއަށް 2016 ވަނަ އަހަރު ސާފްފައިދާގެ ގޮތުގައި 115 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. އެމްޓީސީސީން އަންނަނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީގައި މުހިއްމު ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.