ސިޔާސީ

ސިޔާސީ ޕާޓީތަކަށާއި ރައީސް މައުމޫނަށް މަޝްވަރާއަށް ދައުވަތު ދީފި


އެއްވެސް ޝަރުތަކާ ނުލައި ޕާޓީތަކުގެ މެދުގައި މަޝްވަރާތައް އަލުން ފެށުމަށް ސަރުކާރުން އަނެއްކާވެސް ސިޔާސީ ޕާޓިތަކަށް ދައުވަތު ދީފިއެވެ.

ސިޔާސީ ޕާޓީތަކާއިއެކު މަޝްވަރާތައް ފެއްޓެވުމަށް ރައީސް ޢަބްދުﷲ ޔާމީން ނިންމެވީ ސިޔާސީ ގޮތުން އޮތް ޚިޔާލުތަފާތުވުންތައް ނައްތާލާ ޤައުމު ބިނާކުރެއްވުމަށް ކުރައްވާ މަސައްކަތް ހަލުވިކުރެއްވުމަށްކަމަށް ސަރުކާރުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްނަންގަވައިގެން ފެށްޓެވި ސިޔާސީ ޕާޓިތަކުގެ މަޝްވަރާތައް ފަށްޓަވާފައި ވަނީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ޝަރުތުތަކާ ގުޅިގެން އެ މަޝްވަރާތައް މެދުކަނަޑާލާފައި އޮތުމަށްފަހު އަލުން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. ސިޔާސީ ޕާޓިތަކުގެ މަޝްވަރާތައް މިހާތަނަށް 6 ފަހަރެއްގެ މަތިން ބޭއްވުމަށް މަސައްކަތްކުރި ނަމަވެސް އަދިވެސް ވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ. އަދި އދ. އާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް މެދުވެރިވެގެންވެސް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފައިވެއެވެ.  

އެއްވެސް ޝަރުތަކާއި ނުލާ އަލުން މަޝްވަރާތަށް ފެށުމަށް ޕާޓީތަކަށް ދަޢުވަތު ދީފައިވާކަން އިޢުލާންކޮށްފައިވަނީ މަޝްވަރާތަކަށް ސަރުކާރުގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ އެންމެ އިސް މަންދޫބު ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މާއުލޫމާތުދެއްވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ، ފަހަކަށް އައިސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އިޞްލާޙީ ބަދަލުތަކެއް ގެންނަން ބޭނުންވާކަމުގެ މަޢުލޫމާތު އެކިއެކި މީޑިއާތަކުން ލިބެނުން ދިއުމާއި ގުޅިގެން، މަޝްވަރާތަކަށް އިދިކޮޅު ފަރާތްތަކުން ތައްޔާރަށް ތިބިކަމަށް ސަރުކާރަށް ޤަބޫލުކުރެވޭކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އިސްލާޙީ ވާހަކަތައް ދައްކަނީ އެއްވެސް ޝަރުތެއް ނެތިކަމަށް ޤަބޫލުކުރެވޭކަމަށެވެ. މަޝްވަރާތައް އެއްވެސް އިރެއްގައި ސަރުކާރުން ބަންދުނުކުރާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އިދިކޮޅު ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާތަން ފެނިވަޑައިގަންނަވަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްކަމަށާއި އެހެންކަމުން ސިޔާސީ ޕާޓީތަކުގެ އިތުރުން މަޝްވަރާކުރުމަށް ރައީސް މައުމޫނަށްވެސް ދަޢުވަތު ދެއްވާކަމަށެވެ.

މަޝްވަރާތަކުގެ އިސް މަންދޫބު ޝައިނީ ވިދާޅުވީ، މަޝްވަރާތަކުގައި ވަކިވަކި ފަރުދުންގެ ވާހަކަ ނުދައްކާ އިސްލާޙުކުރަން ބޭނުންވާ ކަންކަމަކީ ކޮބައިކަން ހަތް ދުވަހުގެ ތެރޭގައި ސަރުކާރާ ހިއްސާކުރުމަށް ޕާޓީތަކަށް އަންގާފައިވާކަމަށެވެ. މަޝްވަރާތަކުގައި އިދިކޮޅު ހުރިހާ ސިޔާސީ ޕާޓިތަކާއި ކުރީގެ ރައީސް މައުމޫންގެ އިތުރަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި، އެމްޑީއޭ އަދި ޑީއަރުޕީވެސް ބައިވެރިވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މަޝްވަރާތަކަށް ގޮވާލެއްވީ ބޭރުގެ އެއްވެސް ޕްރެޝަރެއް އޮވެގެނެއް ނޫންކަމުގައެވެ.ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ފަށާފައިވަނީ، ސިޔާސީ ޕާޓިތަކުގެ މެދުގައި މަޝްވަރާތައް ބޭއްވުމުގެ ބޭނުމަކީ ސިޔާސީ ގޮތުން އޮތް ޚިޔާލު ތަފާތުވުންތައް ނައްތާލާ، ޤައުމު ތަރައްޤީކުރުމާއި، ޤައުމު ބިނާކުރުމުގެ މަސައްކަތް ހަލުވިކުރުމާއި ރައްޔިތުންގެ އެއްބައިވަންތަކަން ދެމެހެއްޓުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.