ޚަބަރު

ހޮޅޫދު ކަރަންޓުމައްސަލަ ޙައްލުކުރުމަށް ބޭނުންވާ ތަކެތި ފޮނުވާފައި


ނ.ހޮޅޫދުއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ޙައްލުކުރުމަށް ބޭނުންވާ ތަކެތި މިހާރު ހޮޅުދުއަށް ފޮނުވާފައިވާކަމަށް ފެންކަ ކޯޕަރޭޝަނުން ބުނެފިއެވެ. 

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ އެތަކެތި ހޮޅުދުއަށް ގެންދިއުމާއެކު މައްސަލަ ޙައްލުކުރުމުގެ  މަސައްކަތް ފަށައި ހަވީރުގެ ވަގުތެއްގައި މުޅި ރަށަށް ކަރަންޓު ފޯރުކޮށްދެވޭވަރު ވާނެކަމަށެވެ. 

ޝަރީފް ވިދާޅުވީ ހޮޅުދޫގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވީ އެރަށުގައި ބޭނުންކުރަމުން އަންނަ 300 ކިލޯވޮޓުގެ ޖަނަރޭޓަރަށް ދިމާވި މެކޭނިކަލް މައްސަލައަކާއި ގުޅިގެންކަމަށެވެ. އަދި އެއީ ބޮޑު މައްސަލައެއް ނޫންކަމަށާއި މައްސަލަ ޙައްލުކުރުމުގައި ލަސްތަކެއް އުޅެނީ އެކަމަށް ބޭނުންވާ ސްޕެއަރ އެރަށުން ލިބެން ނެތުމުގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ.

އެރަށަށް މިވަގުތު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ ދުއިސައްތަ ފަންސާހާއި ސަތޭކަ ވިހި ކިލޯވޮޓުގެ ޖަނަރޭޓަރ ބޭނުންކޮށްގެންނެވެ. ނަމަވެސް ޕީކް ގަޑިތަކުގައި ލޯޑު ބޮޑުވުމުގެ ސަބަބުން އެކި ސަރަހައްދުތަކުން ކަންޓު ކެނޑެމުން އަންނަކަމަށް ފެންކައިން ބުނެއެވެ.

ހޮޅުދޫގައި ބޭނުންކުރަމުންދާ އިންޖީނަށް މައްސަލަ ދިމާވީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.