ޚަބަރު

ޢީދަށް ފުރާއިރު، ގެދޮރާއި މުދާ ރައްކާތެރިކުރުމަށް ސަމާލުވޭ!!


މިއަހަރުގެ އަޟްޙާ ޢީދުގެ ބަންދާއި ދިމާކޮށް މާލެއިން އަތޮޅުތަކަށް އަދި އަތޮޅުތަކުން މާލެއަށް ދަތުރުކުރައްވާ ފަރާތްތަކުން، ދަތުރަށް ފުރާއިރު ގެދޮރާއި މުދާ ރައްކާތެރިކުރުމަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް ޕޮލިސް ސާރވިސުން އިލްތިމާސްކޮށްފިއެވެ.

ޢީދު ބަންދާއި ދިމާކޮށް ގިނަ ޢަދަދެއްގެ ބަޔަކު އެކި ތަންތަނަށް ފުރައިގެންދާއިރު، ގޯތި ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް ފިޔަވަޅުތައް އެޅުމަކީ ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސުން ބުނެއެވެ.

އެގޮތުން ފުރައިގެން ދިއުމުގެ ކުރިން ގޭތެރޭގެ ކަރަންޓުގެ ޙާލަތު ކަށަވަރު ކުރުމަށާއި، އަލިފާނުގެ ޙާދިސާއެއް ނުހިނގާނެ ފަދަ ގޮތަކަށް ކަންކަން ހަމަޖެއްސުމަށާއި، ބޭނުން ނުކުރާ ހުރިހާ ތަނެއްގައި ކަރަންޓް ސްވިޗް އޮފްކޮށްފައި ބެހެއްޓުމުގެ އިތުރުން ގެދޮރު ރަނގަޅަށް ތަޅުލައި، ޒިންމާދާރު ކޮންމެވެސް މީހަކަށް ދުވާލަކު އެއްފަހަރު ގެދޮރު ބެލޭނެ އިންތިޒާމު ހަމަޖައްސާފައި ދިއުމަށް ފުލުހުން އެދެއެވެ. އަދި ހަމަ އެހެންމެ ގޭގައި ހުންނަ ލެޕްޓޮޕް، ރަނުގެ ގަހަނާ، އައިޕެޑް ފަދަ އަގުބޮޑު މުދާ ތަޅުލެވޭ ތަންތަނުގައި ރައްކާކުރުމަށާއި، ގޭގައި ގިނަ ޢަދަދެއްގެ ފައިސާ ނުބެހެއްޓުމަށްވެސް މޯލްޑިވްސް ޕޮލިސް ސާރވިސް އިން އިލްތިމާސްކުރެއެވެ.

އެ އިދާރާއިން އިތުރަށް ވިދާޅުވީ ގެ ތަޅުލާފައިދާނަމަ ރޭގަނޑުގެ ވަގުތުގައިގެ ދިއްލައި ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަކީވެސް މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މުހިއްމު ކަމެއް ކަމަށެވެ.