ޚަބަރު

ކައުންސިލްތައް އޮޑިޓް ކުރުމުގެ މަސައްކަތް އައުޓްސޯސް ކުރަނީ


ލޯކަލް ކައުންސިލްތައް އޮޑިޓް ކުރުމުގެ މަސައްކަތް އައުޓް ސޯސްކުރުމަށް ނިންމައި، ބިޑް ހުށައެޅުމުގެ ފުރުޞަތު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުޅުވާލައިފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މެނޭޖަރ ޓެކްނިކަލް މުޙައްމަދު ނަސީމް ވިދާޅުވީ، ރަށު ކައުންސިލްތަކާއި، އަތޮޅު އަދި ސިޓީ ކައުންސިލްތައް އޮޑިޓް ކުރުމަށް އައުޓް ސޯސްކުރަން ނިންމައި، އޮޑިޓް ފާރމްތަކުން ބިޑް ހުށައެޅުމުގެ ފުރުޞަތު ސެޕްޓެމްބަރ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ކޮންމެ އޮޑިޓް ފާރމަކަށްވެސް ބިޑް ހުށައެޅޭނީ 43 ކައުންސިލެއް އޮޑިޓް ކުރުމަށްކަމަށް ނަސީމް ވިދާޅުވިއެވެ. އެގޮތުން ޖުމްލަ 129 ކައުންސިލެއް އޮޑިޓް ކުރުމަށް ހަމަޖެހިފައިވާކަމަށާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިމަސައްކަތް ބައްޓަން ކޮށްފައިވަނީ ދިވެހި އޮޑިޓް ފާރމްތަކަށް ފުރުޞަތު ފަހިވާގޮތަށްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މެނޭޖަރ ޓެކްނިކަލް ވިދާޅުވިއެވެ.

ކައުންސިލްތައް އޮޑިޓްކުރުން އައުޓްސޯސް ކޮށްގެން ކުރިއަށްގެންދާއިރު، އޮޑިޑް ކުރުމަށް ދާ ހުރިހާ ޚަރަދެއް ބަލަހައްޓަންޖެހޭނީ ބިޑް ކާމިޔާބުކުރާ އޮޑިޓް ފާރމްތަކުންކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތުދެއެވެ. އެގޮތުން ކޮންމެ ކައުންސިލެއް އޮޑިޓް ކުރުމަށް ހުށައެޅޭނެ އެންމެ މަތީ އަގަކީ އެކާވީސް ހާސް ހަސަތޭކަ ވިހި ރުފިޔާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކަނޑައަޅާފައެވެ. އަދި އޮޑިޓްގެ އެންމެހައި ކަންކަން މިއަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ނިންމައި އޮޑިޓް ރިޕޯޓް ފައިނަލް ކުރުމަށް ޝަރުތުކޮށްފައިވެއެވެ.

އޮޑިޓަރ ޖެނެރަލްގެ ޤާނޫނުގެ ދަށުން އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ދައުލަތުގެ އެކި އިދާރާތައް ޕްރައިވެޓް އޮޑިޓް ފާރމް ތަކާ ހަވާލުކޮށްގެން އޮޑިޓް ކުރުމުގެ ކަންކަން ކުރިއަށްގެންދެވިދާނެއެވެ. އެގޮތުން މީގެ ކުރިންވެސް ދައުލަތުގެ ބައެއް ކުންފުނިތައް އޮޑިޓް ކުރުމުގެ މަސައްކަތް ޕްރައިވެޓް އޮޑިޓް ފާރމްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވެއެވެ.