ޚަބަރު

"ބޭނުންވަނީ ޤައުމު ތަމްސީލްކުރާނެ ކެރޭ ، ހިތްވަރުގަދަ ލީޑަރުން"


އދ. ފަދަ ބައިނަލްއަޤްވާމީ ޖަމާޢައްތަކާއިއެކު ރާއްޖެއިން މަސައްކަތްކުރުމުގެ ބޭނުމަކީ ބައިނަލްއަޤްވާމީ މަސްރަޙުގައި ދިވެހިންގެ ޙިއްސާ ހިމެނުންކަމަށާއި، އެކަމަށްޓަކައި ކެރޭ، ހިތްވަރުގަދަ ލީޑަރުން ދިވެހިންގެތެރެއިން ބޭނުންވާކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ.މުޙައްމަދު އާސިމް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް މޮޑެލް ޔުނައިޓެޑް 2017، ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 

މޯލްޑިވްސް މޮޑެލް ޔުނައިޓެޑް ނޭޝަންސް (އެމް.ވީ.އެމް.ޔޫ.އެން) 2017 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ އދ.ގެ މެމްބަރު ޤައުމެއްގެ ގޮތުގައި ރާއްޖެއޮތުން ކުރިއަށްވުރެ މިހާރު މުހިއްމުކަމަށާއި، އދ. ފަދަ ބައިނަލްއަޤްވާމީ މަޖިލިސްތަކުގައި ދިވެހިންގެ އަޑު އުފުލުމަށްޓަކައި ކެރޭ، ހިތްވަރުގަދަ ޒުވާނުން ބޭނުންވާކަމަށެވެ. 

މި ރަސްމިއްޔާތުގައި ޚާއްޞަ މެޙެމާނެއްގެގޮތުން ފޮރިން ސެކްރެޓަރީ އަޙްމަދު ޞަރީރު ބައިވެރިވެވަޑައިގެންފައިވެއެވެ. މި ރަސްމިއްޔާތުގައި އެމް.ވީ.އެމް.ޔޫ.އެން ގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރުންނަށާއި، ޖެނެރަލް އެސެމްބްލީ އިން ހޮވާލެވުނު އެންމެ މޮޅު ޑެލިގޭޓުންނަށް ހަނދާނީލިޔުމާއި މެޑަލް ޙަވާލުކޮށްފައިވެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ބޭއްވީ އެމް.ޔޫ.އެން ގެ ކޮންފަރެންސަށްފަހު އެމް.ވީ.އެމް.ޔޫ.އެން ގެ ޑިރެކްޓަރ ޖެނެރަލް ސުހާ ޢަލީ ވިދާޅުވީ މިފަހަރުގެ ކޮންފަރެންސް ބޭއްވުމުގެ އެއް މަޤްޞަދަކީ މެދުކެނޑުމެއްނެތި ކޮންމެ އަހަރަކުވެސް މި ކޮންފަރެންސް ބޭއްވުމުގެ އަމާޒު ހިފުން ކަމަށާއި ކޮންފަރެންސް ގެ ބައިވެރިން ތަމްރީންކޮށްފައިވަނީ ފޮރިން މިނިސްޓްރީ އާއި، އެމް.ވީ.އެމް.ޔޫ.އެން ގެ ސެކްރެޓޭރިއޭޓުންގެ އިތުރުން އެގްޒެކެޓިވް ކޮމިޓީ ގުޅިގެންކަމަށެވެ. 

6 ދާއިރާއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި، މިހާރު ދުނިޔޭގެ މަސްރަޙުގައި އެންމެ ހޫނުކޮށް ވާހަކަދެކެވޭ މަޢުޟޫއުތަކަށް ބައިވެރިން ވާހަކަދައްކައި، މަޢުލޫމާތު ހޯދާފައިވާއިރު، މި ކޮންފަރެންސް ގެ ސަބަބުން ދުނިޔޭގެ މަސްރަޙުގައި ފާހަގަކޮށްލެވޭ މައްސަލަތައް ޙައްލުކުރާނެގޮތުގެ ޙިޔާލު ބަދަލުކުރެވިފައިވާކަމަށް ބައިވެރިން ހާމަކުރެއެވެ.

ޢުމުރުން ސާދަ އަހަރާއި 25 އަހަރާ ދެމެދުގެ މީހުންނަށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި މާލެ އާއި އައްޑޫސިޓީ އާއި ފުވައްމުލައްސިޓީ ގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 200 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެފައިވެއެވެ. މި ކޮންފަރެންސް ކުރިއަށްގެންގޮސްފައިވަނީ އޮގަސްޓު 25،އާއި 26 އާ ދެދުވަހު ދަރުބާރުގޭގައާއި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ.