ވިޔަފާރި

ރާއްޖޭގެ އިޤްތިޞާދުގައި ކުދި ވިޔަފާރިތަކުގެ ހިއްސާ އިތުރުވެއްޖެ!


ދިވެހިރާއްޖޭގެ އިޤްތިޞާދީ ނާރެހުގައި ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ޙިއްޞާވާ މިންވަރު ރިކޯޑްމިންވަރަކަށް އިތުރުވަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޕީއެސްއެމްނިއުސްގެ މޯލްޑިވްސް ޓުޑޭ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް ވިދާޅުވީ، 2013 ވަނަ އަހަރުން ފެށިގެން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް އިތުރުވަމުން އަންނަކަމަށެވެ. ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއިއެކު މިއަދު އެ ވިޔަފާރިތައް އުފެދޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ރަޖިސްޓްރާ އޮފް ކޮމްޕެނީ ވިދާޅުވީ، ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ މިހާތަނަށް ހާހެއްހާ އަމިއްލަ ވިޔަފާރި ރަޖިސްޓަރކޮށްފައިވާއިރު، މި މުއްދަތުގެ ތެރޭގައި ހަތްސަތޭކައާ ގާތްކުރާ އަދަދަކަށް ކުންފުނި ރަޖިސްޓަރކޮށްފައިވާކަމަށެވެ. މިގޮތުން މިހާރުވެސް ތިންހާހެއްހާ ކުންފުނިން އެކި ކަހަލަ ވިޔަފާރިތައް ކާމިޔާބުކަމާއިއެކު ކުރަމުންގެންދާކަންވެސް ވިސާމް ފާހަގަ ކުރެއްވިއެވެ. ވިސާމް ވިދާޅުވީ، ވިޔަފާރީގެ މައިދާނުގައި މިއަދު ޒުވާނުންގެ ޙިއްޞާ ބޮޑުވެގެންދާކަމީ ފާހަގަކޮށްލެވޭ ކަމެއްކަމަށެވެ.

ވިޔަފާރީގެ މައިދާނުގައި ޒުވާނުންގެ ދައުރު ފުޅާކުރެއްވުމަކީ ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީނު ވަރަށްބޮޑު އަހަމިއްޔަތުކަމެއް ދެއްވަވާކަމެކެވެ. ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ރައީސުލްޖުމްޙޫރިއްޔާ ވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއްވެސް އުފައްދަވާފައެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑުގެ ސަބަބުން ކުދި ވިޔަފާރިތައް ކުރިއަރާ ވިޔަފާރިވެރިންނަށް ލިބޭ ނާފާ އިތުރުވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.