ވިޔަފާރި

އެމްޓީޑީސީގެ އަހަރީ އާއްމުޖަލްސާ އަންނަ ހޯމަދުވަހުގެ ރޭ ބާއްވަނީ


މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ހުސްވިއަހަރުގެ އަހަރީ އާއްމުޖަލްސާ އަންނަ ހޯމަދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ނިންމައިފިއެވެ.

ޙިއްޞާދާރުންގެ މައުލޫމާތައްޓަކައި އެމްޓީޑީސީން ނެރެފައިވާ ދެހާސް ސޯޅަވަނަ އަހަރުގެ އަހަރީ އާއްމުޖަލްސާގެ އިއުލާނުގައި ބުނެފައިވަނީ، އެކުންފުނީގެ ހުސްވިއަހަރުގެ އަހަރީ އާއްމުޖަލްސާ މިމަހުގެ އަށާވީސް ވާ ހޯމަދުވަހުގެ ރޭ ނުވައެއްޖަހާއިރު، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މި ޖަލްސާއަށް ރަޖިސްޓްރީވުން ކުރިއަށްދާނީ ހޯމަދުވަހުގެ ރޭ 8:15 އިން ފެށިގެން އަށްގަޑި ފަންސާސް ފަހަކަށެވެ.

އެމްޓީޑީސީން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ މިހިނގާ އޮގަސްޓްމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށްކަމަށެވެ. މި ޖަލްސާގައި ޙިއްޞާދާރުންނަށް ބަހާނޭ ފައިދާއާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާއިމެދު ގޮތެއް ނިންމުން އޮންނާނެއެވެ. އެމްޓީޑީސީއަށް ވަނީ މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 4.5 މިލިއަން އެމެރިކާ ޑޮލަރު ލިބިފައެވެ. އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.