ޚަބަރު

އަމީރުލްޙައްޖު، ޙައްޖަށް ފުރާވަޑައިގެންފި


މިއަހަރު ރާއްޖެއިން ޙައްޖަށް ވައިޑައިގަންނަވާ ބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ސަރުކާރުން ހަމަޖެއްސެވި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ޙައްޖަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނު ޙައްޖަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްވެސް ވަނީ ރޭ ޙައްޖަށް ފުރާވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޙައްޖަށް ފުރާވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުގެ ރޭގައެވެ.

މިފަހަރު ސަޢޫދީޢަރަބިޔާއިން ރާއްޖެއަށް ދެހާސް ޙައްޖު ކޯޓާ ދީފައިވެއެވެ. ދިވެހި ސަރުކާރުން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ މިފަހަރު ދީފައިވަނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން ތިން ގްރޫޕަކަށެވެ. އެއީ އެއީ ޒަޢީ ގުރޫޕާއި، އަލް ޙަރަމައިންގެ އިތުރުން ސިސިލްފަރު ޙައްޖު ގުރޫޕެވެ. މިއަހަރު ސަޢުދި އަރަބިޔާއިން ވަނީ ރާއްޖޭގެ ޙައްޖާޖީންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ޖިއްދާގެ އެއަރޕޯޓުގައި ދިވެހީންނަށް ޚާއްސަ އިމިގްރޭޝަން ކައުންޓަރެއްވެސް ޤާއިމްކޮށްފައެވެ.