ދީން

"ހުކުރު އުފާ" އިސްލާމީ ފެސްޓިވަލް މިއަދުވެސް ކުރިއަށް


އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް ގުޅިގެން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު "ހުކުރު އުފާ"ގެ ނަމުގައި ބާއްވާ އިސްލާމީ ފެސްޓިވަލް މިއަދުވެސް ކުރިއަށް ގެންގޮސްފިއެވެ.

މިފެސްޓިވަލްގެ ދަށުން ކުޑަކުދިންނަށް ޚާއްސަ ތަފާތު ޙަރަކާތްތަކާއި ދީނީ މަޢުލޫމާތު ދިނުމާއި މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކާއެކު ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ހަވީރު ކުރިއަށްދިޔަ މި ފެސްޓިވަލަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމު ރައްޔިތުން ވަނީ ޒިޔާރަތްކޮށްފައެވެ. ފެސްޓިވަލްގައި ބައިވެރިވި ކުޑަކުދިން ވަނީ ޕީއެސްއެމްއިން ހިންގި ސްޓޯލަށް ޒިޔާރަތްކޮށް މަދަހައާއި ވާހަކަ ކިޔައިދީ ހަދާފައެވެ.

އިސްލާމީ މަރުކަޒު މައިދާނުގައި ކުރިއަށް ގެންދިޔަ މި ފެސްޓިވަލްގައި ވަނީ އެކި ފަރާތްތަކުން ތަފާތު ވައްތަރުގެ ސްޓޯލްތައް ބަހައްޓާފައެވެ. އޭގެ ތެރޭގައި ޕީއެސްއެމްގެ ސްޓޯލަކާއި އަލް ޙިޖްރަ ޢުމްރާ ގްރޫޕުގެ ސްޓޯލަކާއި، އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްގެ ސްޓޯލަކާއި، ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ސްޓޯލެއްގެ އިތުރުން ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ސްޓޯލެއް ވެސް އެތަނުގައި ވަނީ ބަހައްޓާފައެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޯލުން ހިލޭ ޤުރުއާންގެ މުސްޙަފް ބެހުމަށް ބަހައްޓާފައި ހުރިއިރު، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ މުސްޙަފް ހޯދާފައެވެ.

img:http://s2.psmnews.mv/images/660x400/15036735728294.jpg|ހުކުރު އުފާ އިސްލާމީ ފެސްޓިވަލްގެ ތެރެއިން / ގިނަ އަދަދެއްގެ ބަޔަކު މި ފެސްޓިވަލެއް ޒިޔާރަތްކުރޭ

އިސްލާމިކް މިނިސްޓްރީގެ ފަރާތުން އަޝްރަފް އިބްރާހިމް ޕީއެސްއެމްއަށް މައުލޫމާދެއްވަމުން ވިދާޅުވީ މިކަމަކީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކޮންމެ ރައްޔިތަކަށް މުސްޙަފެއް ދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި އެގޮތުން ކޮންމެ ބޭފުޅަކަށްވެސް ހިލޭ މުސްޙަފް ލިބެން ހުންނާނެ ކަމަށެވެެ.

މިފެސްޓިވަލްގައި ތަފާތު އެކި ވައްތަރުގެ ދީނީ ފޮތްތައް ގަންނަން ލިބެންހުރި އިރު، ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ އިސްލާމްދިނާބެހޭ ތަފާތުއެކި މައުލޫމާތުތައް ހިމެނޭ ފޮތްތައް ބައްލަވައިގެންފައެވެ.

ހުކުރު އުފާގެ ހަރަކާތްތަކުގެ ތެރެއިން، ޢާންމުކޮށް ހުޅުވާލައިގެން  ބާއްވާ ދީނީ ދަރުސް މިރޭ އަށްގަޑި ތިރީހުގައި އިސްލާމީ މަރުކަޒް މައިދާނުގައި އޮންނާނެއެވެ. މިރޭ ދަރުސްގެ މަޢުޟޫއަކީ ޙައްޖާޖީންނާއި ބައިވެރިވުމާއި، ޢަރަފާތު ދުވަހުގެ މާތްކަން". މި މައޫޟުއަށް ދަރުސްދެއްވާނީ އައްޝައިޚް ޢަބްދުލް އަޒީޒް ޙުސައިންއެވެ. އިސްލާމީ މަރުކަޒް މައިދާނުގައި ބާއްވާ މިދަރުސަށްފަހު ދީނީގޮތުން ޢާމުންކުރާ ސުވާލުތަކަށް ޖަވާބު ދިނުމާއި މުސްޙަފު ބެހުންވެސް ކުރިއަށްދާނެއެވެ. ހުކުރުއުފާ ފެސްޓިވަލްގެ ތެރެއިން މިސްކިތު ފަންޑަށް އެހީވުމަށްވެސްވަނީ ހަމަޖެހިފައެވެ.

ހުކުރު އުފާ ފެސްޓިވަލަކީ ޢާއްމުރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމްދީނަށް އަހުލުވެރިކުރުވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް ގުޅިގެން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ހަވީރާއި ރޭގަނޑު ކުރިއަށްގެންދާ އިސްލާމީ ފެސްޓިވަލެކެވެ.