ޚަބަރު

ވިޔަފާރިތަކަށް ޚާއްސަކޮށްގެން އިންޑަސްޓްރިއަލް ޕާކެއް


ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ކޮށްގެން އިންޑަސްޓްރިއަލް ޕާކެއް އެޅުމަށް ތައްޔާރުވަމުން އަންނަކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެފިއެވެ. 

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަމުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުމްތާޒް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން ހުޅުމާލޭގައި އިންޑަސްޓްރިއަލް ޕާކެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި މި ޕާކް ވެގެންދާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އަމަލީ މަސައްކަތްތ ކުރުމަށް ފަސޭހަވެގެންދާނެ ތަނެއްކަމަށް މުމްތާޒް ވިދާޅުވިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން އަންނަނީ ވިޔަފާރީގެ ދާއިރާގައި ޒުވާނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އަންހެނުންނާއި ޚާއްސައެހީއަށް ބޭނުންވާ މީހުންނަށް ލޯނު ދޫކޮށް އެމީހުންނަށް ވިޔަފާރި ހިންގުމަށް އެހީތެރިވަމުންނެވެ.