ޚަބަރު

މިއަހަރުވެސް އުޟުހިޔާ ކަތިލުން ކުރިއަށްދާނެ


މިއަހަރުވެސް އުޟުހިޔާ ކަތިލުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަނުން ބުނެފިއެވެ. 

ކޮންމެ އަހަރަކުވެސް އަޞްޙާ ޢީދުދުވަހު އިސްލާމިކް ފައުންޑޭޝަނުން ކުރިއަށްގެންދާ މި ހަރަކާތް މިއަހަރު ބާއްވަނީ އަޤިޤާ އެމްވީއާ ގުޅިގެނެވެ. އަޤީގާ އެމްވީގެ ފައުންޑަރ މެމްބަރ އަޙުމަދު ލަޠީފް ބުނީ އުޟުހިޔާ ކަތިލުން ކުރިއަށްދާނީ ޢީދުނަމާދަށްފަހު ސިނާޢީ ސަރަޙައްދުގައި ކަމަށެވެ. އަދި އުޟުހިޔާ ކަތިލުމަށް ގެނެސްފައިވާ ބަކަރިތައް ވިއްކަން ހަމަޖެހިފައިވަނީ އެކި އަގުތަކުގައި ކަމަށާއި، ގިނައަދަދެއްގެ މިޙުން އުލްހިޔާ ކަތިލުމަށް އެދި ނަންނޯޓް ކުރަމުންދާކަމަށެވެ.

ޕީއެސްއެމްއަށް ދިން އިންޓަރވިއުއެއްގައި އިސްލާމިކް ފައުންޑޭޝަންގެ އަންހެނުންގެ ގޮފީގެ ރައީސް އައިމިނަތު ހަބީބާ ބުނީ އުޟުހިޔާ ކަތިލުމަށް ގިނަ އަދަދެއްގެ މީހުން އެދެމެންދާ ކަމަށާއި، ބަކަރިތައް ވިއްކުމުގައި ވީހާވެސް އަގުހެޔޮކޮށް ވިއްކުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މިއަހަރުގެ އަޞްޙާއީދަށް ސަތޭކައަށްވުރެ ގިނަ ބަކަރި މާލެ ގެނެސްފައިވެއެވެ. އިސްލާމިކް ފައުންޑޭޝަނުން ވޭތުވެދިޔަ އަށްއަހަރުވެސް އުޟުހިޔާ ކަތިލުމުގެ ޙަރަކާތް ކުރިއަށްގެންގޮސްފައިވެއެވެ.