ތަޢުލީމު

އަމީނިއްޔާގެ އާ ޢިމާރާތުގައި އަންނަ އަހަރު ކިޔަވައިދޭން ފަށާނެ


އަމީނިސްޔާ ސްކޫލަކީ ހަމައެކަނި އަންހެން ދަރިވަރުންނަށް ތަޢުލީމުދޭ ސްކޫލެއްގެ ގޮތުގައި އޮތުމަށްފަހު ދެ ޖިންސަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކޮށްފައިވަނީ ދެހާސް ދިހަވަނަ އަހަރުއެވެ. އެގޮތުން މިހާރު އަމީނިއްޔާ ސްކޫލުގައި ގްރޭޑް އެކަކުން ދިހައަކަށް ކިޔަވައިދެމުން އަންނައިރު، ދެހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލްކުރަމުންދެއެވެ.

އަމީނިއްޔާ ސްކޫލަކީ ގިނަ ދަރިވަރުން ވެއްދުމަށް އެދެމުން އަންނަ ސްކޫލަކަށް ވުމާއި، ސްކޫލުގައި ކުރިން ބޭނުންކުރަމުންއައި ބައެއް އިމާރާތްތައް ބާވުމުގެ ސަބަބުން ސަރުކާރުން ދަނީ އަމީނިއްޔާ ސްކޫލުގައި އަށް ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މި އިމާރާރުގައި ކިޔަވައިދިނުމަށް ފަންސާސް ދެ ކްލާސްރޫމް ހިމެނޭއިރު، ތޭރަސަތޭކައާއި ގާތްކުރާ އަދަދެއްގެ ދަރިވަރުންނަށް ޖާގަ ލިބިގެންދާނެއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާޢިލް ޢަލީ ވިދާޅުވީ އަންނަ ދިރާސީ އާ އަހަރާއެކު އެ އިމާރާތުގައި ކިޔަވައިދޭން ފަށާނެކަމަށެވެ. އެގޮތުން އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް ނިމި، މިހާރު ކުރަމުންދަނީ، ކަރަންޓް ވަޔަރިންގްގެ މަސައްކަތްތަކާއި، ފާޚާނަތައް ހެދުމާއި، ލިފްޓްގެ މަސައްކަތްތަކާއި، ކުލަލުމާއި، ފަޔާރ އެލާމް ހަރުކުރުމުގެ މަސައްކަތްތައްކަމަށެވެ.

އާއިމާރާތް ފަރުމާކޮށްފައިވަނީ، އޮފީސް ބްލޮކަކާއި، ސައިންސް ލެބަކާއި، ލައިބްރަރީއާއި، ކޮމްޕިއުޓަރ ލެބްގެ އިތުރުން، ޓެރަހުގައި އެކި ކަހަލަ އިތުރު ހަރަކާތްތަކާއި ކުޅިވަރު ކުޅެވޭގޮތަށް ކަމަށް އިބްރާޙިމް އިސްމާއިލް ވިދާޅުވިއެވެ. އަދި އާ އިމާރާތުގައި ކުރިން ތިން ލިފްޓް ބެހެއްޓުމަށް ހަމަޖެއްސި ނަމަވެސް މިހާރު ފަސް ލިފްޓް ބެހެއްޓުމަށް ހަމަޖައްސާފައިވާކަމަށްވެސް އިބްރާހިމް އިސްމާޢިލް ވިދާޅުވިއެވެ. އަދި ސްކޫލްގެ މަސައްކަތް ނިންމަންޖެހޭ ތާރީޚަށްވުރެ ލަސްވީ އިމާރާތަށް މިފަދަ ބަދަލުތައް ގެނެސްފައިވާތީކަމަށްވެސް އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.

އަމީނިއްޔާ ސްކޫލުގައި ދަނީ ޙާއްސަ އެހީއަށް ބޭނުންވާ ނުވަދިހަ ދަރިވަރުންނަށްވެސް ތަޢުލީމުދެމުންނެވެ. އަދި އާ އިމާރާތް ބޭނުންކުރަން ފެށުމުން އެފަދަ ކުދިންނަށްވެސް ފަސޭހަވާނެފަދަ ގޮތްތަކަށް ބަލައިގެން އިމާރާތް ކުރަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

އަމީނިއްޔާ ސްކޫލްގެ އަށްފަންގިފިލާގެ އާ އިމާރާތަކީ ޕީއެސްއައިޕީގެ ދަށުން ފަންޑުކޮށްގެން އަޅާ އިމާރާތެކެވެ. އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރަމުންދާ މި މަސައްކަތް ފަށާފައިވަނީ 2015ވަނަ އަހަރުގެ ތެރޭގައެވެ.