ޚަބަރު

ޤާސިމްގެ ބޭސްފަރުވާއަށް އެއްވެސް ހުރަހެއް ނެތް- ހޯމް މިނިސްޓަރ


ޤާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 3 އަހަރުގެ ޖަލު ޙުކުމާ ގުޅިގެން، އޭނާ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، ކްރިމިނަލް ކޯޓުން ރޭ ކުރެއްވި ޙުކުމާ ގުޅިގެން ޤާސިމް އިބްރާހީމް މިހާރު އޮންނެވީ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިކަމަށެވެ. އަދި ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި އޮތުމަކުން ޤާސިމްގެ ބޭސްފަރުވާއަށް އެއްވެސް ހުރަހެއް ކުރިމަތި ނުވާނެކަމުގެ ޔަޤީންކަން ހޯމް މިނިސްޓަރ ދެއްވިއެވެ. ކްރިމިނަލް ކޯޓްގެ ޙުކުމާ އެއްގޮތަށް ޤާސިމްގެ ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖްރާޢަތްތައް ފުރިހަމަ ކުރަމުންދާކަމަށާއި، ޑޮކްޓަރުންގެ ލަފަޔާއެކު ރާއްޖެއިން ބޭރަށް ގެންދަންޖެހިއްޖެ ޙާލަތެއްގައި، އެފުރުޞަތު ޤާސިމަށްވެސް ލިބިވަޑައިގަންނަވާނެކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވިއެވެ.

ޤާސިމަކީ މިހާރު ޖިނާއީ ޙުކުމެއް ތަންފީޛް ކުރަމުންދާ މީހެއްކަމުން، އޭނާގެ ބޭސްފަރުވާގެ ކަންކަން ދެން ކުރިއަށްދާނީ ކަރެކްޝަނަލް ސަރވިސްއިން އެކަން ހަމަޖެހިފައިވާ އުސޫލުންކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޤާސިމްގެ ޞިއްޙީ ޙާލުކޮޅާ ގުޅިގެން ސޯޝަލް މީޑިއާގައި ޙަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމް މިހާރު އޮންނެވީ ހިތުގެ ވިންދު އަވަސްވުމުގެ ސަބަބުން އައި.ޖީ.އެމް.އެޗްގައި އޮބްޒަވޭޝަނަށް އެޑްމިޓްކޮށްފައެވެ. އެހެންނަމަވެސް ކަރެކްޝަނަލް ސަރވިސްއިން މިހާރު ވަނީ އޭނާއާއި ޙަވާލުވެފައެވެ.