މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "ޓްރެއިނިންގ އޮފް ޓްރެއިނާސް އޮން ޖެންޑަރ" ޕްރޮގްރާމް 22 ފަރާތަކުން ފުރިހަމަކޮށްފިއެވެ.
އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ، ދަޢުލަތުގެ މުއައްސަސާތައް ޖެންޑާއާއި ގުޅޭ މައްސަލަތަކަށް އަހުލުވެރިކުރުމާއި، އެ މުއައްސަސާތަކުގެ ކިބާގައި "ޖެންޑާރ"ގެ ހޭލުންތެރިކަން އިތުރުކުރުމަށް ޙަރަކާތްތެރިވާނޭ ޤާބިލް "ޖެންޑަރ ޓްރެއިނަރުން" ބިނާ ކުރުމަށް ހިންގި ޕްރޮގްރާމެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފްވެރިމެހެމާން މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޖެންޑަރ އެންޑް ފެމިލީ، ޑރ. މަރިޔަމް ޖަބީން ވިދާޅުވީ، އަންހެނުންނާ މެދު ކުރެވޭ ތަފާތުތައް ނައްތާލުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާޙަދާ "ސީޑޯ"ގައި ރާއްޖެއިން ބައިވެރިވި ފަހުން މިއަދާ ހަމައަށް ހިނގި މުއްދަތުގައި ދިވެހިރާއްޖެއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.
"ސީޑޯ"ގައި ދިވެހިރާއްޖެއިން ބައިވެރިވެފައި ވަނީ ނަވާރަ ސަތޭކަ ނުވަދިހަ ތިންވަނަ އަހަރެވެ.
ޖަބީން ވިދާޅުވި ގޮތުގައި ޖެންޑަރ މިނިސްޓްރީން މިހާތަނަށް ހެދި ދިރާސާތަކުން ހާމަވެފައިވާގޮތުން ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތެކެވެ.
ރާއްޖޭގެ ސިވިލް ސާވިސް މުވައްޒަފުންގެ ބޮޑު ބަޔަކީ އަންހެނުންކަން ފާހަގަކުރައްވާ ޖަބީން ވިދާޅުވީ، ދައުލަތުގެ އެކި ފެންވަރުގެ ނިންމުންތައް ނިންމާ ލެވެލްގައި ނިސްބަތުން އަންހެނުން ތިބޭ މިންވަރު މަދު ކަމަށެވެ.
މި ޕްރޮގްރާމުގެ ބައިވެރިންނަށް ވަނީ ޖެންޑާގެ ތަފާތުކުރުންތަކަކީ މުޖުތަމަޢުގައި އަށަގަނެފައިވާ ޤަބޫލުކުރުންތަކެއްގެ ސަބަބުން އޮންނަ އާދަތަކެއް ކަމާއި "އަންހެނުންނާއި ފިރިހެނުންގެ މެދުގައި ކުރާ ތަފާތުކުރުންތަކުގެ ސަބަބުން މުޖުތަމަޢަށް އޭގެ ނޭދެވޭ އަސަރު ފޯރާވަރާއި، މި ތަފާތުކުރުންތަކުގެ ސަބަބުން ގެއްލިފައި ނުވަތަ ނިގުޅައިގަނެފައިވާ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ދިވެހިރާއްޖޭގައި އަލަށް ހަދާފައިވާ ޤާނޫނުތަކާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ.
މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ސާދަވަނަ ދުވަހުގެ ނިޔަލަށް ހިންގި މި ޕްރޮގްރާމުގައި ދައުލަތުގެ އެކި އިދާރާތަކަށާއި ކުންފުނިތަކަށް ނިސްބަތްވާ ބާވިސް ފަރާތެއް ވަނީ ޓްރެއިނިން ފުރިހަމަކޮށްފައެވެ.
ޓްރެއިނިންގ ފުރިހަމަކުރި ފަރާތްތަކަށް ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޖެންޑަރ އެންޑް ފެމިލީ، ޑރ.މަރިޔަމް ޖަބީންއެވެ.