ޚަބަރު

ހުކުރު އުފާ ފެސްޓިވަލްގެ ހަރަކާތްތައް މިއަދުވެސް ކުރިއަށްދާނެ


އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް ގުޅިގެން ކޮންމެ ހުކުރުދުވަހަކު ބާއްވާ ހުކުރު އުފާ ފެސްޓިވަލްގެ ހަރަކާތްތައް މިއަދު ހަވީރާއި މިރޭވެސް އިސްލާމީ މަރަކުޒު ސަރަޙައްދުގައި އޮންނާނެއެވެ.

ހުކުރު އުފާ ނަމުގައި ބާއްވާ މިފެސްޓިވަލްގައި މިއަދު ހަވީރު ހަތަރަކުން ހަޔަކަށް ކުޑަކުދިންނަށް ޚާއްޞަ ގިނަ ހަރަކާތްތަކެއް ހިންގާނެއެވެ. މި ފެސްޓިވަލްގެ ތެރޭގައި ދީނީ ފޮތް ބެހުމާއި މުސްޙަފު ބެހުންވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން ތަފާތު ސްޓޯލްތަކުން ދީނީ މަޢުލޫމާތު ހިމެނޭ ފޮތްތައް ވިއްކުމާއި،ކުޑަކުދިންނަށާއި ބޮޑެތިމީހުނަށް ދީނީ މަޢުލޫމާތު ދިނުންވެސް ކުރިއަށްދާނެއެވެ.

ހުކުރު އުފާގެ ހަރަކާތްތަކުގެ ތެރެއިން، ޢާންމުކޮށް ހުޅުވާލައިގެން  ބާއްވާ ދީނީ ޚާއްޞަ ދަރުސެއް މިރޭ އަށްގަޑި ތިރީހުގައި އިސްލާމީ މަރުކަޒް މައިދާނުގައި އޮންނާނެއެވެ. މިރޭ ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ، "ޙައްޖާޖީންނާއި ބައިވެރިވުމާއި، ޢަރަފާތު ދުވަހުގެ މާތްކަން" މި މައުޟޫއަށެވެ. މި މައޫޟުއަށް ދަރުސްދެއްވާނީ އައްޝައިޚް ޢަބްދުލް އަޒީޒް ޙުސައިންއެވެ.