ޚަބަރު

އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް އަޅާލަންޖެހޭ!


އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންނަކީ ހަމައެކަނި ދައުލަތުން ބަލަންޖެހޭ ބަޔަކަށް ނުހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ޤައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަސްވެނިންނާއި މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުފައެވެ.

މަތީ ތަޢުލީމު ހާސިލުކޮށްގެން ދަސްވެނިވާ ދަރިވަރުންގެ ކިބައިގާ ރިވެތި އަޚުލާޤާ ސުލޫކު ހުރުމަކީ މުހިންމު ކަމެއް ކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވަނީ ދަސްވެނީންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ މުޖުތަޢުގައި ހުރި ބައެއް މައްސަލަތަކަށް ތަފްސީލްކޮށް އަލިއަޅުއްވާލައްވާފައެވެ. ނާއިބް ރައީސްގެ ވާހަކަފުޅުގައި، ދުވަސްވީ  މީހުންނަށް އިހްތިރާމް ކުޑަވާގޮތަށް މުޖުތަމަޢުގައި އިހާނެތިކޮށް ޢަމަލުކުރަމުން އަންނަތަން ފެނަކަން ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އިސްރަށްވެހިންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅަނުލާ ގޭތެރޭގައި އޮންނަ މަންޒަރު ފެނުން ފަހަކަށް އައިސް އިތުރުވެފައިވާކަމަށެވެ. އެގޮތުން ދައުލަތާއި އަމިއްލަ ތަންތަނުގައި ވަޒީފައި އުޅޭމީހުން އެމީހުންގެ މައިންބަފައިންނާއި، ކުޑަކުދިންނަށް އަޅަނުލާ ދައުލަތުގެ ބެލުމުގެ ދަށަށް ދޫކޮށްލާފައި ތިބޭ ތިބުން އިތުރުވަމުން އަންނަކަމަށެވެ. އެމަނިކުފާނު ވަނީ، ދުވަސްވީ މީހުންނަށް އިހްތިރާމާ، އޯގާތެރިކަމާއެކު ވާހަކަދައްކާ އަޅާލުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ. އުމުރުން ދުވަސްވުމުން އެއީ ދައުލަތުން ބަލަންޖެހޭ ބަޔަކަށް ނުހަދާ، އެ މީހުންނަކީ އާއިލާތަކުގެ އަޅާލުމާއި ލޯބި ލިބޭ ބަޔަކަށް ހެދުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އެހެންކަމުން ޔުނިވާސިޓީން ކިޔަވައިގެން ނިކުންނަ ދަރިވަރުންނަކީ މިކަންކަމުގައިވެސް ނަމޫނާ ބަޔަކަށްވާންޖެހޭކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ވަރީގެ ނިސްބަތް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވަނީ  ވަރި ރާއްޖޭގައި ގިނަވާ ސަބަބާއި، އެކަމަށް ގެނެވޭނެ ޙައްލުތަކާ ގުޅޭގޮތުން ދަރިވަރުން ދިރާސާތައް ހެދުމަށް ގޮވާލައްވާފައެވެ.

މިމަހުގެ ބާވީސް ވަނަ ދުވަހު ސަރުކާރުން ވަނީ، ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި ތިބޭ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންގެ ތެރޭގައި ހިމެނޭ، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން، މަރުކަޒުން ދޫކޮށްލުމުން ޢާއިލާތަކުން ޙަވާލުވެފައިނުވާ މީހުންގެ ދަރިންނާއި ބެލެނިވެރިންގެ ތެރެއިން، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ނިންމަވާފައެވެ.