ކުޅިވަރު

އަޝްފާޤްގެ 2 ލަނޑާއެކު ނިއު ތާވަލްގެ ދެވަނައަށް


ޢަލީ އަޝްފާޤްގެ 2 ލަނޑާއެކު އއ.މާޅޮސް ބަލިކޮށް ލީގުގެ 2 ވަނައަށް ނިއުރޭޑިއަންޓް ޖެހިލައިފިއެވެ. 

އުރީދޫ ޕްރިމިއަރ ލީގުގައި ރޭ އއ.މާޅޮހާ ދެކޮޅަށް ކުޅުނު މެޗް ނިއު ކާމިޔާބުކުރީ 3 ލަނޑު 0 ލަނޑުންނެވެ. މެޗްގެ ފުރަތަމަ ހާފްވެސް ނިއުރޭޑިއަންޓުން ނިންމާލީ 2 ލަނޑުގެ ލީޑަކާއެކުއެވެ. މެޗްގެ ފުރަތަމަ ލަނޑު ޑިފެންޑަރ އަޙްމަދު ޢަބްދުﷲ ނަގައިދިން ހުރަހަކުން ގޯލްގެ ތެރެއަށް ބޮލުން ބޯޅަ ފޮނުވާލީ ޢަލީ އަޝްފާޤް (ދަގަނޑޭ) އެވެ. ދެވަނަ ލަނޑު ނިއުގެ ބިދޭސީ ޑިފެންޑަރ ޙުސައިން އެލްދޯ މަތިން ދިން ޕާހެއްގައި މާޅޮހުގެ ޑިފެންޑަރުން ހެދި މިސްޓޭކެއްގެ ފައިދާނެގީ ކެޕްޓަން ޢަލީ ފާސިރު (ސެންޓޭ) އެވެ. ހުސްކޮށް ލިބުނު ބޯޅަ ތިރި ތިރިން ފާސިރު ފޮނުވާލީ ގޯލްގެ ކަނަށެވެ. ދެވަނަ ފާހްގައި ދެޓީމްގެ ފަރާތުންވެސް ފެނުނީ ވަރަށް އާދައިގެ ކުޅުމެއްކަން ފާހަގަ ކޮށްލަންޖެހެއެވެ. ނަމަވެސް ލަނޑު ޖަހާނެ ގިނަ ފުރުޞަތު ތަނަވަސްކުރީ ނިއުރޭޑިއަންޓުންނެވެ. ނިއުގެ 3 ވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ޤައުމީ ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ) އެވެ. 

މިމެޗުން ލިބުނު 3 ޕޮއިންޓާއެކު ޖެހި ގޯލްގެ ތަފާތުން ނިއުރޭޑިއަންޓްވަނީ ތާވަލްގެ 2 ވަނައަށް ޖެހިލާފައެވެ. އެއީ ޖުމްލަ 9 ޕޮއިންޓާއެކުއެވެ. ނިއުއަށްވުރެ ދެގޯލް މަދުން 3 ވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށްވެސް ލިބިފައިވަނީ 9 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި މާޅޮސްވަނީ ތާވަލްގެ 7 ވަނަ މަޤާމަށް ވެއްޓިފައެވެ 1 ވަނައިގައި އޮތް މާޒިޔާއަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.