ޚަބަރު

ޤައުމީ ޔުނިވާސިޓީގެ 671 ދަރިވަރަކު ދަސްވެނިވެއްޖެ


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ހިންގި އެކި ޕްރޮގްރާމްތަކުން 671 ދަރިވަރަކު ދަސްވެނިވެއްޖެއެވެ. 

ދަސްވެނީންނަށް ސަނަދު ހަވާލުކުރުމާއި، ކޯސްތަކުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުން އޮތީ ދަރުބާރުގޭގައި ބޭއްވި ޤައުމީ ޔުނިވާސިޓީގެ 2017 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ. 

ޤައުމީ ޔުނިވާސިޓީން ހިންގި އެކި ކޯސްތަކާއި ޕްރޮގްރާމްތަކުން 671 ދަރިވަރުން ދަސްވެނިވެ ސަނަދު ހާސިލްކޮށްފައިވެއެވެ. މީގެ ތެރެއިން ގިނަ ދަރިވަރުން ވަނީ ޑިގްރީއަށްވުރެ މަތީ ސަނަދު ހާސިލްކޮށްފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދެވެ. 

ޤައުމީ ޔުނިވާސިޓީން ހިންގި ކޯސްތަކުން އެއްވަނަ ހާސިލްކުރި ދަސްވެނިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވަނީ ދަސްވެނިން ހާސިލްކުރި ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އިޤްތިޞާދީ ބިންގާގެ ތެރެއިން ވަޒީފާގެ ގިނަ ފުރުޞަތުތައް އިތުވަމުން އަންނަކަން ފާހަގަކުރައްވާ ވަޒީފާތަކުގެ ބޭނުން ހިފުމަށް އިލްތިމާސްކުރެއްވިއެވެ. ވަޒީފާ ހޯދުމަށް މަސައްކަތްކުރާ އެމީހަކު ބޭނުންވާ ވަޒީފާއެއް ނުލިބިދާނެކަމަށާއި، ނަމަވެސް ފަސޭހައިން ލިބޭ ވަޒީފާ ހޯދާ އެ މަޤާމުގައި ހުންނަވައިގެން ބޭނުންވާ ވަޒީފާ ހޯދުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ. 

ވަޒީފާގެ މާހައުލަކީ ވަރަށް ވާދަވެރި މާހައުލެއކަން ފާހަގަކުރައްވަމުން ނާއިބު ރައީސް ވަނީ ވަޒީފާގެ މާހައުލުގައި ދިމާވާ ކަންކަމާ ކެރިގެން ކުރިމަތިލުމަށް ދަސްވެނިންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޢާއިޝަތު ޝާހީން ވިދާޅުވީ، ޤައުމި ޔުނިވާސިޓީއަކީ މިސަރަޙައްދުގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީއަކަށް ވުމަށް ކުރާ މަސައްކަތުގައި، ގިނަ ޢަދަދެއްގެ ދަރިވަރުން ޑިގްރީއަށްވުރެ މަތިން ސަނަދު ހާސިލްކުރުމަކީ އެ ޔުނިވާސިޓިން ހާސިލްކުރި ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. 

މަތީސަނަދު ހާސިލްކުރާ ދަރިވަރުން އިތުރުވުމަކީ ޔުނިވާސިޓީ ދަރަޖަ އުފުލުމުގައި ބޭނުންވާ އެއް މިންގަނޑުކަމަށްވާ ދިރާސާކުރާ މިންވަރު އިތުރުވުމަށް މަގުފަހިވާކަމެއްކަމަށެވެ. އެގޮތުން ޔުނިވާސިޓީގެ ދިރާސާކުރުމުގެ ޤާބިލްކަން އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ގިނަ ދިރާސާތަކެއް ކާމިޔާބުކަމަށައެކު ނިންމާފައިވާކަމަށެވެ. 

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤައުމީ ޔުނިވާސިޓިގެ ޗާންސެލަރ ޑރ.މުޙައްމަދު ލަޠީފް ވަނީ، ދަސްވެނިވެ، ހާސިލްކުރި ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާފައެވެ. ޢިލްމަކީ ހުސްވާއެއްޗެއް ނޫންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވެ ޗާންސެލަރ ވަނީ، ދިރިއުޅުމުގައާއި މަސައްކަތުގެ މައިދާނުގައި ކަންކަން ހައްލުކުރުމުގައި ދިރާސާއާއި އީޖާދުގެ ބޭނުން ހިފުމަށް ގޮވާލައްވާފައެވެ. އަދި އަބަދުވެސް ޢިލްމާއި ފަންނުތައް ދަސްކުރުންމަތީ ދެމިތިބުމަށް އިލްތިމާސްކުރައްވާފައެވެ. 

ޤައުމީ ޔުނިވާސިޓީގެ ކޯސްތައް މާލޭގެ އިތުރުން ހދ.ކުޅުއްދުއްފުށްޓާއި، ލ.ގަމާއި، ސ.ހިތަދޫ އާއި ގދ.ތިނަދޫގައި ކެމްޕަސްތައް ވަނީ ޤާއިމްކޮށްފައެވެ. އަދި ބާރަ ރަށެއްގައި ޔުނިވާސިޓީގެ އައުޓްރީޗް ސެންޓަރުތައް އަންނަނީ ހިންގަމުންނެވެ. ޤައުމީ ޔުނިވާސިޓީގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން ޕީއެޗްޑީއާއި ހަމައަށް އެކި ދާއިރާތަކުން އަންނަނީ ކޯސްތައް ހިންގަމުންނެވެ.