ކީރިތި ޤުރްއާނުގެ މުސްޙަފްތަކެއް ކުނިގޮޑަށް އުކާލާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފަށް ފަތުރަމުންދާ ވާހަކަތަކެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މުސްޙަފްގެ ތަރުޖަމާތަކަކަށް އިހާނެތިކޮށް އަމަލުކޮށްފައިވާ ކަމަށްބުނެ ސޯޝަލް މީޑީޔާގައި ފަތުރާވާހަކަތަކާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ އެމިނިސްޓްރީއަށް އެގިގެން އެފަދަ ކަމެއް ނުކުރާކަމަށެވެ. އަދި މިނިސްޓްރީން މުސްޙަފްތައް އެއްތަނުން އެނެއްތަނަށް އުފުލުމުގައި ވަކި އުސޫލްތަކެއް ގެންގުޅޭކަމަށާއި، މުސްހަފްތައް އުފުލަނީ އަބަދުވެސް އެއުސޫލާއެއް ގޮތަށް ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ އެކްޓިން މީޑިއާ ކޯޑިނޭޓަރު މުހައްމަދު ރިޒާ ވިދާޅުވީ މިހާރު ސޯޝަލް މީޑިއާގައި ފެތުރެމުންދާ ފޮޓޯތަކުގެ މައްސަލަ އެމިނިސްޓްރީން ބަލަމުންދާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ޤުރުޢާން ތަރުޖަމާގެ ފޮޓޯ ތަކަކީ އިއްޔެ އިރުއޮސުނު ވަގުތު ބައެއް ރިސޯޓްތަކުން ކުނި އުކުމަށް ތިލަފުއްޓަށް ގެނައި ފޮށިގަނޑުތަކެއްގެ ތެރެއިން ބައެއް ފޮށިގަނޑުތަކެއްގައި ހުރި ތަރުޖަމާތަކެއްކަމަށެވެ. އަދި އެކަން ފާހަގަކުރެވިގެން އެތަކެތި ކުންޏާއި ވަކިކޮށް، އެތަކެތި ގެނައި ދޯނި ފާހަގަކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.