ކުޅިވަރު

އުނދަގޫ މެޗަކުން ގްރީންއަށް އުނދަގޫ މޮޅެއް


އުނދަގުލުން ކުޑަހުވަދޫ ބަލިކޮށް، ލީގުގައި ގްރީން ސްޓްރީޓް ތިންވަނަ މޮޅު ހޯދައިފިއެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ދ.ކުޑަހުވަދޫ އާއި ވާދަކޮށް ގްރީން ސްޓްރީޓްސް މެޗު ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެޓީމުން ކުރެ އެއްޓީމަކަށްވެސް މިމެޗުގެ ފުރަތަމަ ހާފުގައި ތަނަވަސް ކުރެވިފައެއް ނުވެއެވެ. މެޗުގެ ފެނިގެންދިޔަ ހަމަ އެކަނި ލަނޑު ފުރަތަމަ ހާފަގެ އިތުރު ވަގުތުގައި ގްރީންއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވާޑް ވިލިއަމް މާކޯއެވެ. މި ގޯލަކީ ގްރީންގެ އަރިމަތިން ކުޅެމުންދިޔަ ޝާމިސް ނަގައިދިން ހުރަހަކުން ކާމިޔާބުކުރި ލަނޑެކެވެ. ޝާމިސް ނަގައިދިން ހުރަސް ކުޑަހުވަދޫ ޓީމުގެ ކުޅުންތެރިއެއް ގައިގަޖެހިފައި ނިކުތް ބޯޅަ އޭރިއާ ތެރޭގައި ހުރި ވިލިއަމް ކޮންޓްރޯލް ކުރުމަށްފަހު ދެވަނަ ޓަޗުން ބޯޅަ ފޮނުވާލީ ގޯލުގެ ތެރެއަށެވެ.

ދެވަނަ ހާފަވެސް ފެށިގެންދިޔައީ ފުރަތަމަ ހާފެކޭ އެއްގޮތަށެވެ. އެހެންނަމަވެސް ދެވަނަ ހާފްގައި އިތުރު ގޯލްތަކެއް ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ދެޓީމަށްވެސް ލިބިގެންދިޔައެވެ. އެގޮތުން ގްރީންގެ ފޯވާޑް އަހުމަދު ރަޝީދަށް އޭރިއާ ކުރިމަތިން ލިބުނު ބޯޅަ ފާހަގަކޮށްލެވެއެވެ. އަހުމަދު ރަޝީދު ހުސްކޮށް ހުރެ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ކުޑަހުވަދޫ ޓީމުގެ ގޯލް ކީޕަރު އަބްދުﷲ ޔަޒީދުއެވެ. އަހުމަދު ރަޝީދަށް ލިބުނު ދެ ފުރުޞަތެއްގެ އިތުރުން ޝާމިސްއަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބުނެވެ. މިމެޗުގައި ޔަޒީދުގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. މާގިނަ ސޭވްތަކެއް ކުރަން ނުޖެހުނު ނަމަވެސް ޔަޒީދް ވަނީ ކުޑަހުވަދޫގެ ޑިފެންސް ފަހަތަށް ގްރީން އިން ކުޅުނު ގިނަ ބޯޅަތަކަށް ނުކުމެ ހޯދާފައެވެ.

ދެވަނަ ހާފްގައި ކުޑަހުވަދޫއަށް ގޯލެއް ޖުހުމަށް ލިބުނު އެންމެ ރަނގަޅު އެއް ފުރުސަތު ލިބިގެންދިޔައީ އެޓީމްގެ ބިދޭސީ މިޑްފިލްޑަރ ކްރިސްޓިއަންއަށެވެ. ކްރިސްޓިއަންއަށް އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ކައިރީގައި ހުރި ކުޅުންތެރިއާ ކައިރިން ނައްޓާލުމަށްފަހު އެތެރެއަށް ވަދެ ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ދިޔައީ ސީދާ ގްރީންގެ ކީޕަރ ޖުން އާއި ދިމާލަށެވެ. އޭގެކުރިން ކުޑަހުވަދޫގެ ހަސަން އިބްރާހީމް ފޮނުވާލި ބާރު ބޯޅައެއް ހުރަސް ދަނޑިއަށް އަމާޒުވިއެވެ.

މިނަތީޖާއާއެކު ގްރީން ސްޓްރީޓް ވަނީ ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހަމަކޮށްފައެވެ.

އަނެއް ކޮޅުން ކުޑަހުވަދޫއަށް އަދި މިމުބާރާތުގައި މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.

މެޗަށްފަހު ގްރީން ސްޓްރީޓްގެ ކޯޗު ޞޮބާހު މުޙައްމަދު ބުނީ މެޗުން މޮޅުވުމުން ހިތްހަމަ ޖެހުނަސް، ކުޅުމާއި، ކުޅުންތެރިންގެ މަސައްކަތާމެދު ހިތްހަމަ ނުޖެހޭކަމަށެވެ.

" މޮޅުވީމަ ހިތްހަމަ ޖެހޭ އެކަމަށް ޝުކުރުކުރަން. އެކަމަކު ކުޅުމާމެދު ހިތްހަމައެއް ނުޖެހޭ. ސީނިއަރ ކުޅުންތެރިންގެ ފަރާތުން ހިތްހަމަޖެހޭވަރުގެ ކުޅުމެއް ނުފެނޭ. އެންމެ މުޙިއްމު އެއް ކުޅުންތެރިޔާ އިލިއާގެ ފަރާތުންވެސް މި ދެމެޗުގައި ފެނުނީ ވަރަށް ދަށްކޮށް. އެހެންވެ ބަދަލުކުރަން ޖެހުނީވެސް " ޞޮބާ ބުންޏެވެ.

ކުޑަހުވަދޫގެ ކޯޗު މުޙައްމަދު ޝިޔާޒު ( މޯހަން ) ބުނީ ބަލިވިޔަސް ކުޅުންތެރިން ކުރި މަސައްކަތް ވަރަށް ރަނގަޅުކަމަށެވެ. އަދި ލީގުގައި ކުޅެނީ ވަކި ޓާގެޓެއް ކަނޑައަޅައިގެން ނޫންކަމަށް އޭނާ ބުންޏެވެ.

" ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކުރި. މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭ. ކުރިއެރުންވެސް އެބަފެނޭ. ދެން ލީގުގައި ވާދަކުރަނީ ވަކި ޓާގެޓެއް ކަނޑައަޅާގެނެއްނޫން. ކުޅުންތެރިންނަށް ފުރުޞަތުދީ، ތަޖުރިބާ ހޯދައިދޭން. 2018 އަށް ޓީމެއް ތައްޔާރުކުރަން " މޯހަން ބުންޏެވެ.