ޚަބަރު

އެޗްޑީއެފްސީން ޞުކޫކް ވިއްކުމަށް ހުޅުވާލައިފި


ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީން ޞުކޫކް ވިއްކުމަށް މިއަދު ހުޅުވާލައިފިއެވެ. 

ޞުކޫކް ގަތުމުގެ ފުރުސަތު ބަންދުވާނީ އޮކްޓޯބަރ މަހުގެ އަށާރަ ވަނަ ދުވަހުކަމަށް އެ ކުންފުނިން ބުނެއެވެ. އެޗްޑީސީއެފްސީއަކީ ގެދޮރުގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. ޞުކޫކް ގަތުމަށް އާންމުންނަށް ހުޅުވާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީއެފްސީގެ އަމްނާ ޝަރީއާ ކޮމިޓީގެ ޗެއާރމަން ޑރ. އިބްރާހިމް ޒަކަރިއްޔާ ވިދާޅުވީ މިއީ އެޗްޑީއެފްސީގެ އަމްނާގެ ފަރާތުން ހިންގާ އެންމެބޮޑު އިންވެސްޓްމަންޓެއްކަމަށެވެ. އަދި މި އިންވެސްޓްމަންޓްގައި އިސްލާމީ ޝަރީއާއާއި އެއްގޮތްވާ ގޮތުގެ މަތިން އިންވެސްޓްކޮށް ބައިވެރިންނަށް ފައިދާވާނެކަމަށާއި ޞުކޫކް އަކީ ރިބާއިން އެއްކިބާވެގެންވާ ސައްހަ މުއާމަލާތެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްޑީސީއެފްސީން އިސްލާމީ އުސޫލުތަކުގެ ދަށުން އާންމުކޮށް ހުޅުވާލައިގެން އެއްސަތޭކަ ފަންސާސްހާސް ޞުކޫކް ވިއްކުމަށް ހަމަޖެހިފައިވެއެވެ. ޞުކޫކެއް ވިއްކުމަށް ހަމަޖެހިފައިވަނީ އެއްހާސް ރުފިޔާގެ ރޭޓުންނެވެ. ސަތޭކަ ފަންސާސް މިލިއަން ރުފިޔާގެ ސުކޫކް ވިއްކުމަށް ހުޅުވާލާފައިވާކަމަށް އެޗްޑީއެފްސީން ބުނެއެވެ. ޞުކޫކް ގަތުމުގެ އެންމެ ފަހު ތާރީޚަކީ އޮކްޓޯބަރ މަހުގެ 18 ވަނަ ދުވަހެވެ.  

އެޗްޑީއެފްސީގެ ޞުކޫކް އެކުލެވިގެންވަނީ، ޝަރީއާގެ މުޟާރަބާގެ އުޞޫލްގެ މައްޗަށްކަމަށްވާއިރު، މުޟާރަބާގެ އުޞޫލަކީ އެއްފަރާތުން ރައުސުލްމާލު ފޯރުކޮށްދިނުމުން އަނެއްފަރާތުން ޝަރީޢާ އެއްގޮތްވާގޮތުގެ މަތިން އެކަށައަޅާފައިވާ މަޝްރޫޢު ހިންގުމެވެ. މަޝްރޫޢު ހިންގައިގެން ލިބޭ ފައިދާ ބަހާނީ އެއްބަސްވެފައިވާ ގޮތުގެ މަތިންނެވެ.

ޞުކޫކް ގަތުމަށް ހުށަހަޅާ އެޕްލިކޭޝަން ބަލައިގަންނާނީ ރާއްޖޭގެ ހުރިހާ ޕޯސްޓް އޮފީސް ބުރާންޗްތަކުންނާއި، މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓްރީ އާއި، އެޗްޑީއެފްސީގެ ހުރިހާ ބުރާންޗްތަކަކުންނެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބުރާންޗްތަކުންނާއި، އޮންލައިން ކޮށްވެސް ފޯމް ފުރޭނެއެވެ.

އެޗްޑީއެފްސީން ވަނީ ދެހާސް ތޭރަވަނަ އަހަރުވެސް 51.97 މިލިއަން ރުފިޔާގެ ޞުކޫކް ވިއްކާފައެވެ. އެއީ އަހަރަކު 7.5 އިންސައްތައިގެ އިންޓްރަސްޓް ރޭޓްގެ ފައިދާ ލިބޭގޮތަށެވެ. އެފަހަރު ވަކި ފަރުދުންގެ 8 ފަރާތަކާއި، އެއް މުއައްސަސާއިން ސުކޫކް ގަނެފައިވާކަމަށް އެޗްޑީއެފްސީން ބުނެއެވެ.