ޚަބަރު

ގުދުރަތީ ވަސީލަތްތައް ބޭނުންކުރަމުންދާ ގޮތްތަކާއިބެހޭ ވޯކްޝޮޕް


ދުނިޔޭގެ އެކި ހިސާބުތަކުގައި ގުދުރަތީ ވަސީލަތްތައް ބޭނުންކުރަމުންދާ ގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބ.އަތޮޅު ބަޔޮސްވެފަރ ރިޒާވްގައި ފަށައިފިއެވެ. 

އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ބ.އަތޮޅު ގައި ޙިމާޔަތްކޮށްފައިވާ ތަންތަން ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ފަރުކަމަށްވާ އޮސްޓްރޭލިޔާގެ "ގްރޭޓް ބެރިއަރ ރީފް" ބެލެހެއްޓުމުގައި ޙަރަކަތްތެރިވާ ބޭފުޅުންމެވެ. 

މި ބައްދަލުވުމާއި ގުޅޭގޮތުން ބ.އަތޮޅު ކޮންސަވޭޝަން ފަންޑުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޝިބާއު ވިދާޅުވީ މި ވޯކްޝޮޕަކީ ރާއްޖޭގައި މިފަދަގޮތަކަށް ބޭއްވޭ ފުރަތަމަ ޓްރެއިނިންގ ޕްރޮގްރާމްކަމަށެވެ.

"އެކްސެލެންސް އިން ފީލްޑް މެނޭޖްމެންޓް އޮފް ނެޗުރަލް ރިސޯސެސް، އަ ޓެކްނިކަލް ޓްރެއިނިންގ ފޮރ ރޭންޖާސް" ގެ ނަމުގައި 3 ދުވަހުގެ މުއްދަތަކަށް ކުރިއަސްގެންދާ މި ޓްރެއިނިންގ ޕްރޮގްރާމްގައި 15 ފަރާތެއް ބައިވެރިވެއެވެ. 

އިންޓަނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) އާއި މިނިސްޓްރީ އޮފް އެންވަރަމެންޓް އެންޑް އެނަރޖީ ގުޅިގެން ކުރިއަށްގެންދާ މި ވަރކްޝޮޕްގައި އިންވައިރޮންމަންޓް ޕްރޮޓަކްޝަން އޭޖެންސީއާއި ޤައުމީ ޔުނިވަރސިޓީގެ ބޭފުޅުންވެސް ބައިވެރިވެއެވެ.