އެކަށީގެންވާ ބޯފެނުގެ ނިޒާމުގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ށ.މިލަންދޫ އަދި ރ.އުނގޫފާރުގެ ބޯފެނުގެ ނިޒާމު ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަޝްރޫޢުގެ ދަށުން ށ.މިލަންދޫގައި 29 ކިލޯމީޓަރުގެ ބޯފެނުގެ ވިއުޤައެއްގެ އިތުރުން 82 ޓަނުގެ އާރް.އޯ ޕްލާންޓެއް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. އަދި ރ.އުގޫފާރުގައި 8 ކިލޯމީޓަރުގެ ބޯފެނުގެ ވިއުޤައިގެ އިތުރުން 86ޓަނުގެ އާރް.އޯ ޕްލާންޓެއް ބެހެއްޓުމަށް ވަނީ އެއްބަސްވެފައެވެ. މި ދެ މަޝްރޫޢުގެ މަސައްކަތް ނިމިގެންދާއިރު ކަނޑައެޅިފައިވާ އުސޫލުގެ މަތިން ހުރިހާ ގޭބީސީތަކާއި މުޢައްސަސާތަކަށް ބޯފެނުގެ ޙިދުމަތް ފޯރުކޮށްދެވިގެންދާނެއެވެ.
މި އެއްބަސްވުމުގައި އެންވާރަމެންޓް މިނިސްޓްރީގެ ފަޜާތުން ސޮއިކުރެއްވީ މިނިސްޓަރ ތާރިޤް އިބްރާހިމްއެވެ. އަދި އެމްޑަބްލިއު އެސްއީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސަޙީލްއެވެ.
ރަސްމިއްޠާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފެން ފެނުގެ ނިޒާމު ރަނގަޅުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި މިހާރުވެސް ފެނިގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އަށް ރަށެއްގައި ފަށައިގެން ކުރިއަށްދާކަމަށެވެ.
މި ޕްރޮޖެކްޓަކީ 87 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބޮޑު ޕްރޮޖެކްޓެކެވެ. މި މަޝްރޫޢުއަށް ފަންޑްކުރަނީ އޮފިޑް ފަންޑާއި ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.