ޚަބަރު

މެމްބަރުންގެ މައްޗަށް ކުރާ ދަޢުވާގެ ލިޔުންތައް ޙަވާލުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ 8 މެމްބަރެއްގެ މައްޗަށް އުފުލާފައިވާ ޤާނޫނީ ވާޖިބު އަދާކުރަން ހުރި މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާގެ ލިޔުންތައް މިއަދު ޙަވާލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 8 މެމްބަރުންނާއި، މެމްބަރުކަމުން ވަކިވެފައިވާ 4 މެމްބަރެއްގެ މައްޗަށް ޤާނޫނީ ވާޖުބު އަދާކުރުމަށް ހުރަސްއެޅުމުގެ ދައުވާ ކޮށްފައިވަނީ 24 ޖުލައި ވަނަދުވަހު ސަލާމަތީ ބާރުތަކުގެ ސަފުތައް ފޫއަޅުވާލައި މަޖިލިސްކުރާގެއަށް ވަނތް މައްސަލައިގައެވެ. މިމައްސަލަ ކޯޓަށް ހުށައަޅާފައިވަނީ އެއް މައްސަލައެއްގެ ގޮތުގައެވެ. އެހެންކަމުން 12 މީހުންގެ މައްސަލަ ބެލުމަށް ހަމަޖެހިފައިވަނީ އެއް ޤަޟިއްޔާއެއްގެ ދަށުންނެވެ.

ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ ދަށުން މިއަދުވަނީ މި 12 މީހުންނަށް މައްސަލައާގުޅޭ ލިޔުންތައް ޙަވާލުކޮށްފައެވެ. މިމައްސަލައިގައި ދެން އޮންނާނީ އިބްތިދާއީ އަޑުއެހުމެވެ. ސަލާމަތީ ބާރުތަކުގެ ސަފުތައް ފޫއަޅުވާލައި ރައްޔިތުންގެ މަޖިލީހަށްވަތް މައްސަލައިގައި ދައުވާ އުފުލާފައިވާ 8 މެމްބަރުންނަކީ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީއާއި، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިނާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދުއެވެ. އަދި މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާކަމަށް ކަނޑައަޅާފައިވާ އަޙްމަދު އަމީތާއި، މުހައްމަދު ވަހީދާއި، ސައުދު ހުސެއިނާއި، އަބްދުލް ލަތީފް މުހައްމަދުގެ މައްޗަށް މިދައުވާގެ އިތުރުން ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާވެސް ވަނީ ކޮށްފައެވެ.