ޚަބަރު

ރީސައިކަލް މައުރަޒުގެ އެއްވަނަ މަދްރަސަތުލް އިފްތިތާޙް ހޯދައިފި


ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް "އެމް.ޑަބްލިޔު.އެސް.ސީ ރީސައިކަލް" ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މައުރަޒުގެ ސްކޫލް ކެޓަގަރީން އެއްވަނަ މަދްރަސަތުލް އިފްތިތާޙް ހޯދައިފިއެވެ.

އާޓް ގެލަރީގައި ބޭއްވި ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ އެމް.ޑަބް.ލިޔު.އެސް.ސީގެ ޗެއަރމަން އަހުމަދު ނާސިރުއެވެ.

img:http://s1.psmnews.mv/images/660x400/15035521617338.jpg|މުބާރާތުން އެއްވަނަ ހޯދި ނައިފަރު މަދްރަސަތުލް އިފްތިތާހުގެ ފަރާތުން އިނާމާ ހަވާލުވަނީ / ފޮޓޯ؛ ޕީއެސްއެމް

"އެމް.ޑަބްލިޔު.އެސް.ސީ ރީސައިކަލް" މައުރަޒް ކުރިއަށް ގެންގޮސްފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެނެވެ. އެގޮތުން ކެޓަގަރީ "އޭ"ގައި ހިމެނެނީ ވަކި ވަކި ފަރުދުންގެ ގޮތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތާއި، ސްކޫލާއި ކުންފުނިތަކުގެ ބައެވެ. ކެޓަގަރީ "ބީ" ބަހާލެވިފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށެވެ. އެގޮތުން ކެޓަގަރީ "ބީ"ގައި 7 ބައެއް ހިމެނެއެވެ. އެއީ ފެނުމުގެ ނުކުދުންތެރިކަން، އިވުމުގެ ނުކުޅެދުންތެރިކަން، ދަސްކުރުމުގެ ނުކުޅެދުންތެރިކަން، ޑައުން ސިން ޑްރޮމް، އޯޓިސްޓިކް އަދި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ. 

ވަކި ވަކި ފަރުދުންގެ ބައިން، 17 އަހަރުން ދަށުގެ ބައިން އެއްވަނަ ހޯދާފައިވަނީ މަރިޔަމް ޝާރަތު ޝަރީފްއެވެ. އަދި މި ކެޓަގަރީއިން އަށާރަ އަހަރުން މަތީގެ ބައިން އެއްވަނަ ހޯދާފައިވަނީ މަރިޔަމް ސަޢީދާއެވެ.

img:http://s3.psmnews.mv/images/660x400/15035521090538.jpg|"އެމް.ޑަބް.ލިޔު.އެސް.ސީ ރީސައިކަލް" މުބާރާތުގައި ޑައުން ސިންޑްރޮމް ހުންނަ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނަ ވެސް ހާސިލްކުރި މުޙައްމަދު ޖުމާން އަޙްމަދުއަށް އިނާމް ހަވާލުކޮށްދެއްވަނީ / ފޮޓޯ: ޕީއެސްއެމް ނިއުސް

ކެޓަގަރީ "ބީ"ގެ ޑައުން ސިންޑްރޮމް ހުންނަ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނަ ވެސް ހާސިލްކޮށްފައިވަނީ މުޙައްމަދު ޖުމާން އަޙްމަދުއެވެ. އަދި އޯޓިޒަމް ހުންނަ ކުދިންނަށް ޚާއްސަ ބައިން އެއްވަނަ ހޯދާފައިވަނީ އަޒްހާން ޢަލީ ވަހީދުއެވެ.

"އެމް.ޑަބްލިޔު.އެސް.ސީ ރީސައިކަލް" މައުރަޒް އޮގަސްޓް ސައުވީސް އަދި ފަންސަވީސް ވަނަ ދުވަހު އާޓް ގެލަރީގައި ކުރިއަށްދާނެ ކަމަށް އެމްޑަބްލިޔު.އެސް.ސީން މަޢުލޫމާތުދެއެވެ. އެމްޑަބް.ލިޔު.އެސް.ސީ ރީސައިކަލް މައުރަޒް އަންނަ އަހަރުވެސް ކުރިއަށް ގެންދިޔުމަށް އެމްޑަބް.ލިޔު.އެސް.ސީން ވަނީ ނިންމާފައެވެ.