ޚަބަރު

ޔުނިވަރސިޓީތަކުގެ ޤުރުޢާން މުބާރާތުގެ އެއްވަނަ އައިޔޫއެމްއަށް!


މިއަހަރުގެ ރަމަޟާންމަހު، އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުންފުނިތަކުގެ މުވައްޒަފުންނަށާއި، ޔުނިވަރސިޓީއާއި ކޮލެޖްތަކަށް ޚާއްސަކޮށްގެން ހިންގި ޤުރުޢާން މުބާރާތުގެ އެއްވަނަ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ޙާސިލްކޮށްފިއެވެ. 

މި މުބާރާތަކީ ރާއްޖޭގައި މުއައްސަސާތަކަށް ޚާއްސަކޮށްގެން ގެންދެޔަ ފުރަތަމަ މުބާރާތެވެ.

ކީރިތި ޤުރުއާނަށް އަހުލުވެރިކުރުމުގެ ގޮތުންނާއި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި ހިތްތަކުގައި ޤުރުއާނަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށް ތަޖުވީދުމަގުން ޤުރުއާން ކިޔެވުމުގެ  ފަންނު އާލާކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ނުވަ މުއައްސަސާއަކުން ބައިވެރިވެ ތިރީސް ހަތް މީހަކު ވަނީ ކިޔަވާފައެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ މި މުބާރާތަކީ މުއައްސަސާތަކަށް ހާއްސަކޮށްގެން ހިންގި ފުރަތަމަ މުބާރާތްކަމުގައިވިޔަސް އަންނަ އަހަރުވެސް މިފަދަ މުބާރާތެއް ބާއްވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި މުބާރާތުގެ މަޤްޞަދަކީ ސްކޫލް މަރުހަލާ ނިމުމަށްފަހު ޤުރުއާނާ ދުރަށް ދާ ފަރާތްތައް މިމައިދާނަށް ގެނައުމަށް ކުރެވޭ މަސެއްކަތެއްކަމަށެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވީ މިފަދަ މުބާރާތަކީ ކިޔަވާ ކުދިންނަށާއި ކުންފުނިތަކުގައި މަސްކަތް ކުރާ ފަރާތްތަކަށް އެފަރާތްތަކުގެ ހުނަރު ދައްކާލުމަށް ލިބުނު ފުރުޞަތެއްކަމަށެވެ. އަދި ކުރިއަށް އޮތްތާގައި މި މުބާރާތާ ގުޅޭ ގިނަ މައުލޫމާތާއި ތައްޔާރުވުމަށް އިތުރު ފުރުޞަތުތައް ފޯރުކޮށްދޭނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. 

މި މުބާރާތުގައި ބައިވެރިވެފައިވަނީ  ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ،މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި،އައިލޭންޑް އޭވިއޭޝަން ސަރވިސް ލިމިޓޭޑައި، ސްޓޭޑް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑެވެ. މީގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާއި، ފެނަކަ ކޯފަރޭޗާން ލިމިޓެޑާއި، ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް އަދި އެވިޑް ކޮލެޖް ބައިވެރިވެފައިވެއެވެ.