ވިޔަފާރި

ބީއެމްއެލްގެ ޙިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި


ބޭންކް އޮފް މޯލްޑިވްސްގެ ތިރީސް ހަތަރުވަނަ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 20 ރުފިޔާ ބެހުމަށް ނިންމައިފިއެވެ. 

ހޮޓެލް ޖެންގައި ކުރިއަށްދިޔަ މި ޖަލްސާގައި ހިއްސާދާރުންވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ޖުމްލަ 107.6 މިލިއަން ރުފިޔާ ފާސްކޮށްފައެވެ. މިއާއިއެކު ޙިއްސާގެ ފައިދާގެ ގޮތުގައި އަދި ޓެކްސްގެ ގޮތުގައި ދައުލަތަށް 307 މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. 

ދެހާސް ސޯޅަވަނަ އަހަރު ބީއެމްއެލްއިން ޓެކްސް އަށް ކެނޑުމަށްފަހު ފަސްދޮޅަސް އެއް އިންސައްތައިގެ ކުރިއެރުމަކާއިއެކު 1.02 ބިލިއަން ރުފިޔާ ފައިދާއެއް ލިބިފައިވާއިރު، ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ހަރުދަނާ ކުރިއެރުންތަކެއް ހޯދާފައިވާކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ. 

ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި ހިފެހެއްޓިފައިކަމަށާއި ބޭންކުން ޚިދުމަތްތައް ފުޅާކުރުމަށާއި އުމްރާނީ ތަރައްޤީއަށް އަދި ސީއެސްއާރު ހަރަކާތްތަކަށް 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. 

ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާއަކަށް 20 ރުފިޔާ ބެހުމަށް ނިންމާފައިވާއިރު މިއީ އެކުންފުނިން ހިއްސާދާރުންނަށް އެންމެ ބޮޑު އަދަދެއް ބަހަން ނިންމި އަހަރުކަމަށް ބީއެމްއެލްއިން ބުނެއެވެ.