ޚަބަރު

މެދު ރާއްޖެތެރެއަށް އުދަ އެރުމުގެ ފުރުޞަތު ބޮޑު- މެޓް އޮފީސް


ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކުރިއަށް އޮތް ދެ ދުވަހު މެދު ރާއްޖެތެރެއަށް އުދަ އެރުމުގެ ފުރުޞަތު ބޮޑު ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

ފާއިތުވި ދެ ދުވަހު މެދުރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްރަށަށް އުދަ އަރާފައިވެއެވެ. އެގޮތުން ލ.އަތޮޅުގެ ރަށްރަށަށް ވަރަށް ބޮޑަށް އުދައަރައި، ބައެއް ގޭގެއަށް ފެންވަދެފައިވާކަމަށް އެ ރަށްރަށުގެ ކައުންސިލުން މަޢުލޫމާތުދެއެވެ. ދެކުނުގެ ރަށްރަށަށް ކޮންމެވެސް ވަރަކަށް އުދައިގެ އަސަރު ކޮށްފައިވާއިރު، މިއަދު ވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ. އުދަ އަރަމުންދާ ރަށްރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމުގެ ގޮތުން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް، އެމް.އެން.ޑީ.އެފް އާއި، ކައުންސިލްތަކާއި، ޢާއްމު ރައްޔިތުން ގުޅިގެން ކުރަމުންދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މަޢުލޫމާތުދެއެވެ.

މިރޭ ދިޔަވަރު އެންމެ ބޮޑުވާނެ ގަޑިތައް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވަނީ ދެގަޑި ވިހި ހާއިރު މެދުރާއްޖެތެރެއަށް އަދި ދަންވަރު ތިނެއްޖަހާއިރު ދެކުނުގެ އަތޮޅުތަކަށް އުދަ އަރަން ފަށާނެކަމަށާ، އިތުރު ދެ ގަޑިއިރަށް އުދަ އަރަމުންދިއުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

ކުރިއަތް އޮތް ދެދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރައި، ގުގުރުމާއިއެކު ވާރޭވެހުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ.