ޚަބަރު

ކަރަންޓު ކެނޑުނީ ނެޓްވޯކް ކޭބަލްއަކަށް ފެން އެޅިގެން- ސްޓެލްކޯ


ރޭގެ ވަގުތެއްގައި މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނީ ނެޓްވޯކް ކޭބަލްއަކަށް ފެންއެޅިގެންކަމަށް ސްޓެލްކޯއިން ބުނެފިއެވެ. 

ކަރަންޓަށް ދިމާވި މައްސަލައާއި ގުޅިގެން މާލޭގެ އަށްޑިހަ އިންސައްތަ ސަރަހައްދުން ކަރަންޓު ކެނޑުނެވެ. ކަރަންޓު ކެނޑުނު މައްސަލައާއި ގުޅިގެން ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ޑިރެކްޓަރ އިބްރާހީމް ރައޫފް ވިދާޅުވީ ކަރަންޓު ކެނޑުމަށް މެދުވެރިވީ ކަރަންޓު ކޭބަލްގެ މަސައްކަތްކުރުމަށް ކޮނުމުގެ ސަބަބުން ކޭބަލަކަށް ފެނުގެ އަސަރުކޮށްގެންކަމަށެވެ. އަދި ކަރަންޓު ފޯރުކޮށްދިނުން ލަސްވީ، ޓެކްނިކަލް ސްޓާފުން މަދުވަގުތަކަށްވެފައި ލިބުނު މައްސަލަ ދެނެގަތުމަށް ގިނަ ވަގުތުނެގުމުގެ ސަބަބުންކަމަށެވެ. އަދި މައްސަލަތައް ދެނެގަތުމަށް މިހާރު ބޭނުންކުރަމުންދާ ހައިވޯލްޓޭޖްގެ 12 ކޭބަލް ވަކިވަކިން ޗެކްކޮށްފައިވާކަމަށާއި މައްސަލަ ދިމާވީ އޭގެތެރެއިން އެއް ކޭބަލަށެވެ. ނަމަވެސް ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތަކީ ވަރަށްބޮޑަށް ސަމާލުވެގެން، ވީހާވެސް މައްސަލަތައް ކުޑަވާގޮތައް ދެމުންއަންނަ ޚިދުމަތެއްކަމަށް ރަޢޫފްވަނީ ފާހަގަކޮށްފައެވެ.

ސްޓެލްކޯގެ ޑިރެކްޓަރ އިބްރާހިމް ނާޝިދް ވިދާޅުވީ މިފަދަ މައްސަލަތައް ކުޑަކުރުމަށް މިހާރުވެސް ސްޓެލްކޯއިން މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ނެޓްވަރކްގެ ސްޓަޑީއެއް ހެދުމުގެ މަސައްކަތް ބޭރުގެ ކުންފުންޏަކާއި ގުޅިގެން ކުރިއަށް ގެންދަމުން އަންނަކަމަށެވެ. ނާޝިދް ވިދާޅުވީ މިފަހަރު ދިމާވި މައްސަލައާއި ގުޅިގެން މި މަސައްކަތް އަވަސްކުރުމަށް މިހާރުވެސް މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ނެޓްވޯކަށް ދިމަވާ މިފަދަ މައްސަލަ ކުޑަކުރުމަށް އަލުން ނެޓްވޯކް ރީޑިޒައިނިންގެ މަސައްކަތްތައް ކުރާނެކަމަށެވެ.

ރަޢޫފް ވިދާޅުވީ ކަންޓު ކެނޑުމާއި ގުޅިގެން ގޭގެއަށް ގެއްލުންވެގެން ޝަކުވާތައް އަންނަނަމަ އެކަންވެސް ސްޓެލްކޯއިން ބަލާނެކަމަށެވެ. ސްޓެލްކޯއިން މިހާރުފަށާފައިވާ ބޮޑު ދެ ޕްރޮޖެކްޓް ހުޅުމާލެ މާލެ އިންޓަރކަނެކްޝަން ޕްރޮޖެކްޓާއި، 50 މެގަވޯޓްގެ ޕަވާރޕްލާންޓެގެ ސަބަބުން މި މައްސަލަތައް ހައްލުވެ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދެވޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ. މާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް މިހާރު ބޭނުންކުރަމުން އަންނަނީ 70 މެގަވޯޓުގެ ޕަވާރ ޕްލާންޓެކެވެ.